އިންޓަނޭޝަނަލް ސެންޓަރ ފޮރ ޕާރލިމެންޓަރީ ސްޓަޑީސް (އައިސީޕީއެސް) އަދި ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން އޮފް ޕޯޗުގަލް (ސީއެންއީ) އިން އިންތިޒާމުކޮށްގެން ކުރިއަށްދާ "16 ވަނަ ބައިނަލްއަގުވާމީ އިންތިޚާބީ މަހާސިންތާ' ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

އެ މަހާސިންތާއަކީ މެއި މަހުގެ 28 އިން 31 ވަނަ ދުވަހާއި ހަމައަށް ޕޯޗްގަލްގެ ޓްރޮއިއާގައި ކުރިއަށްދާ މަހާސިންތާއެކެވެ.

އެ މަހާސިންތާގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނު ތަމްސީލު ކުރައްވާނީ ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ އަދި ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމެވެ.

އެ ޕްރޮގްރާމަކީ "ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިންތިޚާބީ ކަންތައްތަކުގައި އިސްކޮށް އުޅޭ ބޭފުޅުން އެއްތަންވެ ތަޖުރިބާތަށް ހިއްސާކޮށް، އިންތިޚާބީ އިދާރީ ކަންކަމާއި ގުޅޭގޮތުން ބައިވެރިންގެ ހިޔާލުތަށް ހިއްސާކުރުމަށް ބާއްވާ ޕްރޮގްރާމެއް" ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބީ ކަންތައްތަކުގައި ބޭނުންކުރެވޭނެ ޒަމާނީ ވަސީލަތްތަކާއި އާލާތްތަކާ ގުޅޭގޮތުން ދުނިޔޭގެ އިންތިޚާބީ މުއައްސަސާތަކުގެ މަންދޫބުންނާއި އެކު މަޝްވަރާ ކުރުމަށް ތާވަލް ކޮށްފައިވެއެވެ.

އިންތިޚާބާ ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ދެމެންބަރުން ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ޕެނަލްގައި މަޝްވަރާކުރެވޭނެ ކަންތައްތަކުގެ ތެރޭގައި އިންތިޚާބީ އާ ވަސީލަތްތައް އީޖާދުކުރުމާ، ޒުވާނުން ވޯޓަށް އަހުލުވެރިކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންތިޚާބީ ހަމަހަމަކަން ފޯރުކޮށްދިނުން އަދި އިންތިޚާބާ ބެހޭ ފަރާތްތަކަށް ތަމްރީނު ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިންތިޚާބާ ބެހޭ ޖަމިއްޔާތަކަށް މިހާރު ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ހޯދުންވެސް އެ މަހާސިންތާގެ ތެރެއިން ކުރިއަށްދާއިރު މިދޔަ އަހަރު އައިސީޕީ އެސްގެ ފަރާތުން ޖޯޑަންގައި ބޭއްވި މަހާސިންތާގައި 50 ގައުމަކުން ވަނީ ބައިވެރިވެފައެވެ.