07 Sep 2011, 08:30
ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ހައްދަވަން އުޅުއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް( އަކީ "ތަރިކަ ޕާޓީ" ކަމަށް ސިފަ ކުރައްވާ އެމްޑީޕީގެ އިސްވެރިން ވެރިން ވާހަކަފުޅު ދައްކަވައި މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ކުރިން މައުމޫނު އަރިހުގައި އުޅުއްވެވި އަދި ފަހުން ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރުކަން ކުރެއްވެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި މައުމޫނު ހައްދަވަނީ "ޕްރައިވެޓް ޕްރޮޕެޓީ އޮފް މައުމޫން" ކަމަށެވެ. މައުމޫނަށް ފުދޭނީ ކިހާ ވަރެއް ވެގެންތޯ ހިތަށް އަރާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޑީއާރްޕީން ފަހަރަކު ދަތެއް ނައްޓައި އުފަރުމުން ގެންދެވީ ވެސް މައުމޫން ކަމަށާއި މިއަދު "ޑީއާރްޕީގައި ދަތެއް ނެތޭ" ވިދާޅުވެ، "ދަތް ޖަހަން ޖެހިފައިވާ މީހުންނާއެކު" ޕީޕީއެމް އުފައްދައިގެން ނުކުންނަވަނީ މައުމޫން ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ ލަދެއް ނުގަނޭތޯއޭ ތިރީސް އަހަރުން ނުފުދުނީމާ އަދިވެސް ރައްޔިތުން އަތުން ފައިސާ ނަގައިގެން ކުޑަކުދިންނާއެކު ދަތްޖައިގެން ނުކުތީމާ އެއީ މައްސަލައެކޭ." އެމްޑީޕީއާ ގުޅުނީ މައުމޫންގެ އެފަދަ އަމަލުތައް ހުއްޓުވަން ކަމަށް ސިފަ ކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ. "ޑީއާރްޕީއަކަށް އެކަމެއް ނުވާނެ ތަސްމީނާއި ޝާހިދާ ދެ ބޭފުޅުނަށް ދަންނަވަން ދަތް ނެތް ކަމަށް ވަންޏާ ދަތް ހުރިތާކަށް މައުމޫނު ގައިގައިގަ ދައަތް އަޅަން ވަޑައިގަންނަވާށޭ،"
އެތަކެއް ސަތޭކަ މީހުން ޖަމާވެފައި އޮތް އާޓިފިޝަލް ބީޗުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވަނީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއަށް ނިސްބަތްކޮށް "މީދަލެއް" ކަމަށް ވިދާޅުވި ސަބަބު ވެސް ހާމަކުރައްވާފަ އެވެ. ވިދާޅުވީ އަލްހާން ޑީއާރްޕީން ބޭރު ކުރުމަށްޓަކައި އަލްހާނާ ދިމާއަށް މީދަލެކޭ ގޮވަން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާންގެ ފޯނަށް ސިންގަޕޫރުން އެސްއެމްއެސް ފޮނުވީ މައުމޫން ކަމަށެވެ.
"މިހެން ކިޔައިލެވިދާނެ، ކިޔަން ނެރުނު ކުދިން މިއަދު މިތިބީ މެންބަރު ކަމަށް އައިސް ކުލަ ބަދަލު ކޮށްލައިގެން،" އެއީ ރީނދުލާއި ނުލުން އެމްޑީޕީ ވެލައިގެން ހުރޭ ދޫކޮށްލި އެއް ސިއްރު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫން މަސައްކަތް ކުރެއްވީ އަލުން އަނބުރާ ޑީއާރްޕީ ހޯއްދަވާށެވެ. އެކަން ނާކާމިޔާބު ވުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުވާނެ އެވެ. އަލުން އަނބުރާ މައުމޫނު ވެރިކަމަށް ވަޑައިގަތަ ނުދިނުމަށް އޭނާ ކުރައްވާނެ މަސައްކަތް ވެސް ގިނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެނެއް ނޫނޭ ގައުމު ދަވާލީ، މައުމޫނާ މައުމޫނުގެ އައުވާނުންނޭ ގައުމު ދަވާލީ... ޕީޕީއެމް އާއި ރައްޔިތުންގެ ވިންދު ހަދައިގެން ދެން ނުކުތަކަސް ރައްޔިތުން ބަލައެއް ނުގަންނާނޭ. ދަލުން ދަލެއް ނުފޮހެވޭނޭ،" އަލީ ވަހީދު ފާޑު ވިދާޅުވި އެވެ. "އިތްޒަތްތެރި މައުމޫން އަބުދުލް ގައްޔޫމް، އަޅުގަނޑުމެނެއް ދެނެއް ތި މައުމޫން ވެރިކަމަށް އައުމަކަށް ޖާގައެއް ނުދޭނަން. ވެރިކަމަށް ހިޔާލު ހުރި ޒުވާނަކު ވިއްޔާ މަނިކުފާނު ދިޔައީ ދަތް އުފުރާ އުސޫލު އުފުރަމުން، މިއަދު ދަތެއް ނެތޭ ބުނަން މަނިކުފާނު ލަދުގަންނަން ޖެހޭނޭ،"
ހާއްސަ ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވިދާޅުވީ މައުމޫންގެ އާ ޕާޓީއަކީ "ތަރިކައިގެ ޕާޓީ" ކަމަށެވެ. އަދި ޕީޕީއެމްގެ ފިކުރަކީ "ޖަލުގެ ތޭރިތައް" ކަމަށް ވެސް އޭނާ އިޝާރާތް ކުރެއްވެވި އެވެ. ދެން ވިދާޅުވީ މައުމޫންގެ ޕާޓީއަކީ މިލްކުވެރިކަން ސާބިތުކޮށް ދަރިންނަށް ވާރުތަކޮށް ދިނުމަށްޓަކައި ހިންގޭ ޖަރީމާއެއް ކަމަށެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ތިޔަ ވެރިކަން މި ގައުމަށް އަޔަ ނުދިނުމަށްޓަކައި އަޅުގަނޑު ލޭ އޮހޮރުވައި ޖިހާދު ވެސް ކުރާނަމޭ. ލާހިކު ކުޅަދާނައެއް ނޫން ދެނެއް އެނބުރި މައުމޫން ވެރިކަމަށް އަންނާކަށް، ސީދާ އަޅުގަނޑު ޖަލުގައި ބަހައްޓައިގެން ނޫން ގޮތަކަށް، މި ގައުމުގައި މައުމޫނަކަށް ޔާމީނަކަށް ލާހިކެއް ނޫން ވެރިކަން ކުރާކަށް. މި ނޫން ގޮތަކަށް ދެން ވެރިކަން ބަދަލުވެވޭކަށް ނެތް،" އަލްހާން ވިދާޅުވި އެވެ.
ޑީއާރްޕީގައި "މީދަލެއް" ގެ ގޮތުގައި އޭނާ ސިފަކުރި ހާދިސާއާ ބެހޭ ގޮތުން އަލީ ވަހީދު ދެއްކެވި ވާހަފުޅަށް އިޝާރާތްކޮށް އަލްހާން ވިދާޅުވީ އޭނާއަކީ މީދާ ކަމަށް ވާނަމަ "މައުމޫނަކީ ހިކަންޖެއް" ކަމަށެވެ. އަދި ވިދާޅުވި އެވެ: "ދެން ކިތަންމެ ވަރަކަށް ފަހާ ދުވިޔަސް ހިކަންޖަށް މީދާ އަތު ނުވާނެ"
މީގެ އިތުރުން އަލްހާން ވިދާޅުވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނާއި މައުމޫންގެ ފިކުރު އެއްގޮތް ކަމަށާއި ދެ ބޭފުޅުންގެ ފިކުރަކީ ވެސް "އާއިލީ ވެރިކަން ކުރުމުގެ ފިކުރު" ކަމަށެވެ.
އަލްހާންގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މާރިޔާ އަހުމަދު ދީދީ ވެސް ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މައުމޫންގެ އާ ޕާޓީއަކީ "ތަރިކަ ޕާޓީ" ކަމަށް އެކި ގޮތް ގޮތަށް ތަކުރާރުކުރައްވާފަ އެވެ. އެ ގޮތަށް ފާޑުވި ދާޅުވި އަނެއް ދެ ބޭފުޅުންނަކީ އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑރ. ޑީޑީ( އާއި އާދައިގެ މަތިން އަބަދު ވެސް މައުމޫނަށް ފާޑު ވިދާޅުވާ ރީކޯ މޫސާ މަނިކު، އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަނެވެ.
ޑރ. ޑީޑީ ވިދަޅުވީ މައުމޫން، "ތަރިކަ ޕާޓީ" ހެއްދެވި ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވައެއް ނުލެވޭނެ ކަމާއި" ކިތަންމެ ވަރަކަށް ތަރިކަ ޕާޓީ ހެދިޔަސް" ނިމިގެންދާއިރު ދަތް ނެތް ޕާޓީއަކަށް ވެގެން އެކަންތައް އެމްޑީޕީން ހަވާލުވާ ހިސާބަށް ދާނެ ކަމަށެވެ.
"ދަތް ހުރީ ވެސް މި ޕާޓީގައި. ދަތް ޖެހޭނެ ގޮތް ވެސް އޮތީ މި ޕާޓީގައި،" ދަތުގެ ޑޮކްޓަރު ޑީޑީ ވިދާޅުވި އެވެ.