28 May 2018, 17:55
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން މިއަހަރުވެސް ހިއްސާގެ ފައިދާ ނުބެހުމަށް ނިންމައިފިއެވެ.
އެމްޓީޑީސީއިން މިދިޔަ ނުވަ އަހަރު ދުވަހު ވެސް ހިއްސާގެ ފައިދާ ބަހާފައެއް ނުވެއެވެ. މިދިޔަ އަހަރު އެމްޓީޑީސީން ކުރިމަތިލާންޖެހުނީ 40،941 ޑޮލަރުގެ ގެއްލުމަކާއެވެ.
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 4.4 މިލިއަން ޑޮލަރެވެ. ނަމަވެސް 2016 ވަނަ އަހަރު އެކުންފުންޏަށް ލިބުނީ ހަ މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާއެއް ލިބިފައެއް ނުވެއެވެ.
އެމްޓީޑީސީން މިދިޔަ ހަފްތާގައި ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ކުންފުންޏަށް ސާފު ފައިދާ ވެފައި ނުވާތީއާއި ރިޓެއިންޑް އާނިންގްސް ޕޮޒިޝަން ޕޮޒިޓިވްވެފައި ނުވާތީ، ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބަހާގޮތަށް ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުން ނިންމާފައިވާ ކަމަށެވެ.
އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި އެ ކުންފުނީގެ ޗެއާމަން އަލީ ނިޝާން ވިދާޅުވީ، 2017 ވަނަ އަހަރުގެ އާމްދަނީ ދަށްވެފައިވަނީ، 2016 ވަނަ އަހަރުގައި އެއްބަސްވުން އުވާލެވުނު ރަށްތަކަކީ ސަބްލީސް ކުލީގެ ގޮތުގައި އާމްދަނީ ނުލިބޭ ރަށްތަކަށް ވެފައި ސަރުކާރަށް ހެޑްލީސް ކުލި ދައްކަމުން ގެންދިޔަ ރަށްތަކެއްގެ ލީސް ހޯލްޑް ހައްގު ބާތިލްކުރުމުން ކަމަށެވެ.