28 May 2018, 16:28
ސުޕްރީމް ކޯޓުގެ މޯބައިލް ފޯނަކުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އޭނާގެ ދެ ދަރިންނަށް ފައިސާ ޓްރާންސްފާ ކުރި ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ދައުލަތުން އެހެން ބުނެފައިވަނީ އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރި ކަމުގެ ދައުވާ މިއަދު ޝަރީއަތުގެ މަޖިލީހަށް އިއްވަވަމުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އެކި ފަހަރު މަތިން އަލީ ހަމީދު ސުޕްރީމް ކޯޓުގެ ފޯނެއް މެދުވެރިކޮށް އޭނާގެ ދެ ދަރިންނަށް ޖުމްލަ 2200 ރުފިޔާ ފޮނުވި ކަމަށެވެ.
އެ މައްސަލާގައި އިތުރަށް ކުރިއަށްދިޔުމަށްޓަކައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތަކަށް އަލީ ހަމީދު އެދިވަޑައިގަތެވެ. އަދި އަލީ ހަމީދު އެދިވަޑައިގަތަށް ގޮތަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ 10 ދުވަސް ދެއްވާފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 2016 ވަނަ އަހަރު އަލީ ހަމީދުގެ އެ މައްސަލަ ފެންމަތިކޮށް، ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.
މީގެކުރިން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވިއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އޭރު ޕީޖީ އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އޭރުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީ އެޅިފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރަށް ވުރެން ގިނަ ނޫން މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެއެވެ. މިހާރު ވެސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރިވިކަން ސާބިތުވެ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އެހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އަލީ ހަމީދުގެ އިތުރު މައްސަލަތަކެއްގެ ޝަރީއަތް ވެސް އަންނަނީ ކުރަމުންނެވެ. އެއީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެވެ.