ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށްއެކޯޓުގެ ގާޒީ އަހްމަދު ހައިލަމް މިއަދު އައްޔަނުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ހައިލަމްއަށް އިސްގާޒީކަމަށް އައްޔަނުކުރުމަށްް ނިންމީ އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެެ މަގާމް މީގެ ކުރިން ހުސްވެފައިވަނީ އެ މަގާމްގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ކުޑަކުދިންގެ ކޯޓަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. އޭގެ ކުރިން އެ މަގާމްގައި ހުންނެވީ އަބްދުﷲ މުހައްމަދު ވަނީ ފެމެލީ ކޯޓަށް ބަދަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވަނައިލް ކޯޓަށް ވެސް ވަނީ އިސް ގާޒީން އައްޔަނުކޮށްފައެވެ. އެގޮތުން ޑްރަގް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނުކޮށްފައިވަނީ އަބްދުއްސައްތާރު އަބްދުލް ހަމީދުއެވެ. އަދި ޖުވަނައިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ސައީދު އިބްރާހިމްއެވެ.