28 May 2018, 15:17
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށާއި ހެލްތު މިނިސްޓްރީގެ ސްޓެޓް މިނިސްޓަރުގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި އެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައިސުލްޖުމުހުރިއްޔާ އައްޔަން ކުރައްވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އަބްދުލް މުހުސިން ހަމީދު(ޖޭފޯ) އެވެ.
ރައީސުލްޖުމުހުރިއްޔާ މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހަސަން ރަޝީދު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފަ އެވެ.
ޖޭފޯ ހައުސިން އަށް ބަދަލުކުރި އިރު ޔޫތު މިނިސްޓްރީއަށް ވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ހާފިޒު ބަދަލު ކުރައްވައިފަ އެވެ. އޭނާ ބަދަލުކޮށްފައި ވަނީ އެ މިނިސްޓްރީ ސްޓޭޓް މިނިސްޓަރަކަށެވެ.
ޔޫތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތްކުރެއްވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވެސް ވަނީ ދާދި ފަހުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސައިފަ އެވެ.
ހެލްތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރެއްވި އިރު މީގެ ކުރިން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫން ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އަދި ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސައިން ރަޝީދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.