28 May 2018, 16:17
ޓުގެދާ އޭސް ވަން އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދިރާގު ވުލްވްސް ބީސީ "ވާނެތަ" 5އޮން5 ބާސްކެޓް ޗެލެންޖުގެ މެޗުތައް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.
ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގައި ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މުބާރާތުގައި ޖުމްލަ 17 ޓީމަކުން ވާދަކުރެއެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކޮންމެ ޑިވިޝަނަކުން ތިން ޓީމެއްގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ހަތަރު ޓީމް އަދި 19 އަހަރުން ފިރިހެން ހަތް ޓީމެވެ.

ދިރާގު ވުލްވްސް ބީސީ "ވާނެތަ" 5އޮން5 ބާސްކެޓް ޗެލެންޖުގެ މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ޖައި ކެޕްޗާސް
މުބާރާތުގެ މެޗުތައް ކޮންމެ ދުވަހަކު ހަވީރު އަދި ރޭގަނޑުވެސް ކުރިއަށްދާ އިރު، ހަވީރުގެ މެޗުތައް ފަށާނީ 4:00ގައެވެ. ރޭގަނޑު މެޗުތައް ފަށާނީ 9:00ގައެވެ.
މުބާރާތުގެ ފޯރިގަދަ ވެގެންދާ އެއް ސަބަބަކީ މުބާރާތުގެ ގަވާއިދުގައި ހިމެނޭ ތަފާތު ކަމެއްގެ ސަބަބުންނެވެ. މުބާރާތުގައި ހަތް ކުޅުންތެރިންގެ ޓީމުތަކަށް މުބާރާތުގައި ވާދަކުރެވޭ އިރު، މުބާރާތުގައި އެންމެ ބޮޑު ޗެލެންޖަކީ ބެކް ކޯޓުގައި ޑްރިބަލް ނުކުރެވެވުމެވެ. އޭގެ ބޭނުމެއް ކަމަށް ވުލްވްސް ބީސީން ބުނެފައިވަނީ ޒުވާން ކުޅުންތެރިންނަށް ބާސްކެޓްގެ ތަފާތު ގޮތް ގޮތަށް ވިސްނުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ. މުބާރާތުގެ މެޗެއްގެ ދިގުމިނަކީ 10 މިނެޓުގެ އެއް ކުއާޓާއެވެ.

ދިރާގު ވުލްވްސް ބީސީ "ވާނެތަ" 5އޮން5 ބާސްކެޓް ޗެލެންޖުގެ މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ޖައި ކެޕްޗާސް
ޓުގެދާ އޭސް ވަންގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދިޔަ ދިރާގު ޓުގެދާ އޭޒް ވަން ދިރާގު 3x3 ބާސެކްޓް މުބާރާތުގެ ދެވަނަ އެޑިޝަން މިދިޔަ ހަފްތާގައި ކާމިޔާބުކަމާއެކު ނިންމާލި އިރު، ހަމަ އެޓީމުން އިންތިޒާމް ކުރާ އޮރީޒް ބީޗު ހޭންޑް ބޯލް މުބާރާތްވެސް ރަސްފަންނުގައި ފެށިގެން ކުރިއަށް އެބަދެއެވެ. ފޯރިގަދަކޮށް ކުރިއަށްދާ އެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ބީޗު ހޭންޑްބޯލް މުބާރާތެވެ. މި ދެ މުބާރާތް މާލޭގެ ދެ ސަރަހައްދެއްގައި އެއްފަހަރާ ކުރިއަށް ގެންދިއުމަކީ ޓުގެދާ އޭސް ވަންގެ ޒުވާން ޓީމުގެ ކުޅަދާނަކަމެވެ.