ރޯމް(މޭ 28): އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ މަގާމުން ދުރުކުރުމަށް އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ލުއީޖީ ޑި މާއިއޯ ގޮވާލައްވައިފިއެވެ.

އިޓަލީގެފައިވް ސްޓާ ޕާޓީގެ ލީޑަރު އެފަދައިން ގޮވާލެއްވީ އެޕާޓީ އާއި އެގައުމުގެ ލީގް ޕާޓީން އެގައުމުގައި އާ ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ މާޗް މަހު އިޓަލީގައި ބޭއްވި އާއްމު އިންތިހާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ލިބިފައި ނުވެއެވެ. އޭގެ ސަބަބުން ފައިވް ސްޓާ ޕާޓީއާއި ލީގުން ވަނީ ކޯލިޝަން ސަރުކާރެއް ހަދަން އެއްބަސްވެފައެވެ. އަދި އެދެ ޕާޓީން ވަނީ ބޮޑުވަޒީރު ކަމަށް މިނިވަން ކެނޑިޑޭޓެއް ކަމަށްވާ ޖޮސެޕީ ކޮންޓޭގެ ނަން ހުށަހަޅައިފައެވެ.

އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ މަގާމުން ދުރުކުރުމަށް އެގައުމުގެ އެންމެ ބޮޑު ޕާޓީގެ ލީޑަރު ލުއީޖީ ޑި މާއިއޯ ވަނީ ގޮވާލައްވާފައި -- ފޮޓޯ: އީޕީއޭ

އެހެންކަމުން އިއްޔެ ކޮންޓޭ ވަނީ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރަން ބޭނުންވާ ފަރާތްތަކުގެ ނަން ރައީސް މަޓަރެއްލާއަށް ހުށަހަޅައިފައެވެ. ނަމަވެސް ރައީސް ވަނީ އިކޮނޮމިކް މިނިސްޓަރު ކަމަށް ހުށަހެޅި ޕައޯލޯ ސަވޯނާގެ ނަން ވީޓޯ ކުރައްވައިފައެވެ.

އޭގެ ސަބަބަކީ ސަވޯނާއަކީ ޔޫރަޕިއަން ޔޫނިއަންއަށް ފާޑު ކިޔާ ފަރާތަކަށްވުން ކަމަށާއި، އޭނާ މިނިސްޓަރުކަމަށް ވަޑައިގަތުމުން އިޓަލީ އީޔޫއާ ވަކިވުމަށް ހިތްވަރުދެވޭނެ ކަމަށް މަޓަރެއްލާ ވިދާޅުވިއެވެ.

ރައީސްގެ އެނިންމުވެމާ ގުޅިގެން ކޮންޓޭ ވަނީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހުއްޓަވާލައްވައިފައެވެ.

އިޓަލީގެ ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގައި ނަގާ ވޯޓުން އަޣުލަބިއްޔަތު ލިބުމަށް ފަހު، އެގައުމުގެ ދުސްތޫރީ ކޯޓަށެވެ.

އެގައުމުގެ ފައިވް ސްޓާ ޕާޓީން، ރައީސް މަގާމުން ދުރުކުރުމަށް ގޮވާލާ އިރު ލީގް ޕާޓީން ވަނީ އަނެއްކާވެސް އާއްމު އިންތިހާބެއް ބޭއްވުމަށް ގޮވާލައިފައެވެ. (ބީބީސީ)