28 May 2018, 14:04
މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ވިޔަފާރި ދާއިރާގައި ރާއްޖޭގައި ދޭނެ އެންމެ ޝަރަފުވެރި އެވޯޑެވެ.
ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް"ގެ މަގްސަދަކީ ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމެވެ.
މިދިޔަ ހަފްތާގައި މޯލްޑިވްސް ބިޒްނަސް އެވޯޑްސް ވަނީ ލޯންޗުކޮށްފަ އެވެ. އަދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.
ބްލޭޒަންއިން ކުރިން ބުނެފައިވާ ގޮތުގައި، އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ތަޖުރިބާ ލިބިފައިވާ ފަރާތްތައްގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލް މިހާރު ވަނީ ކަނޑައަޅާފަ އެވެ. އެ ޕެނަލްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގައި ވެސް ހަރަކާތްތެރި ތަޖުރިބާކާރުން ވަނީ ހިމަނާފަ އެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ފަނޑިޔާރުން:

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ހެޑް އޮފް ޖަޖެސް ޕެނަލް ހަމްދޫން އަބްދުﷲ ހަމީދު --- ފޮޓޯ/ މޯލްޑިވްސް ބިޒްނަސް ރިވިއު
ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް):ހަމްދޫންއަކީ ދިވެހިރާއްޖެ އިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ހަމްދޫން ވަނީ މީގެ ކުރިން މިނިސްޓަރު އޮފް ޕްލޭނިންގް އެންޑް ޑިވެލޮޕްމެންޓްގެ މަގާމު އަދާކުރައްވައިފަ އެވެ.

(ކ - ވ) ޑރ. އަޒްމިރަލްޑާ ޒާހިރު، އަހްމަދު މާޒިން، ޑރ. މަރިޔަމް ވަސީމާ، ޑރ. އާއިޝަތު މުނީޒާ
ޑރ. އާއިޝަތު މުނީޒާ:ޑރ. މުނީޒާއަކީ ޑެޕިއުޓީ މިނިސްޓަރު އޮފް ފިނޭންސެވެ. ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެންމެ ގިނަ ޚިދުމަތްތައް ކުރެއްވި އެއް ބޭފުޅެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އުފެއްދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޑރ. މުނީޒާ އެވެ. އަދި އިސްލާމިކް ފައިނޭންސް ޚިދުމަތްދޭ އެތައް އިދާރާއެއް އުފެއްދުމަށް ޑރ. މުނީޒާ ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޑރ. މަރިޔަމް ވަސީމާ:ޑރ. ވަސީމާއަކީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރެވެ. މީގެ ކުރިން އެންވާރަމަންޓް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު އަދާކުރެއްވި ޑރ. ވަސީމާ ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. މީގެ ކުރިން ޑރ. ވަސީމާ ވަނީ އެސްޓީއޯގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ޑރ. އަޒްމިރަލްޑާ ޒާހިރު:ޑރ. އަޒްމިރަލްޑާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފަނޑިޔާރުކަން ކުރެއްވި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެވެ. ޑރ. އަޒްމިރަލްޑާ މީގެ ކުރިން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަގާމު އަދާކުރެއްވި އެވެ. މިވަގުތު ޑރ. އަޒްމިރަލްޑާއަކީ އަލަށް އުފެއްދި ލޯފާރމް "ލިޓިކާ ލޯ"ގެ އެއް ޕާޓްނަރެވެ.
އަހްމަދު މާޒިން:ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ މާޒިންއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ބޯޑުގެ ޗެއާމަނެވެ.

(ކ - ވ) އަބްދުﷲ ގިޔާސް ރިޔާޒް، އިބްރާހިމް އާތިފް ޝަކޫރު، ފާތިމަތު ޝާނާ ފާރޫގު، އަލްއުސްތާޒް އަޝްރަފް ރަޝީދު --
އަލްއުސްތާޒް އަޝްރަފް ރަޝީދު:އަޝްރަފްއަކީ ފިނޭންސް މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލްގެ އިތުރުން، "އަޝްރަފް އެންޑް ކޯ ލޯ ހައުސް"ގެ ފައުންޑަރެވެ. މީގެ އިތުރުން އަޝްރަފްއަކީ ހއ. ކެލާގައި ގެސްޓްހައުސް ހިންގަވާ ބޭފުޅެކެވެ. މީގެ ކރުިން އޭނާ ވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ލީގަލް ޑިޕާޓްމެންޓްގެ ހެޑްގެ މަގާމާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
އަބްދުﷲ ގިޔާސް ރިޔާޒް:ގިޔާސްއަކީ މިދިޔަ ހަތަރު އަހަރުން ފެށިގެން މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްކަން ކުރައްވަމުން އަންނަ ބޭފުޅެވެ. އަދި އިނަރ މޯލްޑިވްސް ހޮލިޑޭސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެވެ. ގިޔާސް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ.
ފާތިމަތު ޝާނާ ފާރޫގު:ޝާނާއަކީ ހައުސިންގް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލެވެ. އަދި މީގެ ކުރިން އެ މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުވެސް ނުވަ އަހަރު ދުވަހު އަދާކުރެއްވި އެވެ.
އިބްރާހިމް އާތިފް ޝަކޫރު:އާތިފްއަކީ ޔުނައިޓެޑް ފުޑްސްގެ މެނޭޖިންގް ޑިރެކްޓަރެވެ. މީގެ ކުރިން އޭނާ ވަނީ އެލައިޑް އިންޝުއަރަންސް، އެސްޓީއޯ، މިފްކޯ އަދި އެމްޓީސީސީ ފަދަ ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރައްވާފަ އެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައިމަހުގެ 22 ވަނަ ދުވަހު އޮންނަ ގާލާގަ އެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.