07 Sep 2011, 00:42
ރައީސް މައުމޫނު ކުރައްވާ ސިޔާސީ މަސައްކަތްތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭ ހިތްފަސޭހަ މައިޒާނުގައި އެމްޑީޕީން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައޫމުން އަބްދުލް ގައްޔޫމަށް އަރުވަންޖެހޭ ގަދަރާއި އިތްޒަތް އަރުވަން ޖެހޭނެ ކަމަށާއި މައުމޫން ކުރައްވާ ސިޔާސީ މަސައްކަތްޕުޅެއްގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ނަޝީދު އަރުވާ ކަމަށެވެ.
"އެ ޔަގީންކަން އަޅުގަނޑު އަރުވަން. އެއީކީއެއް ދެން މިރާއްޖޭގައި ހިނގާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޕާޓީގެ ޒުން ލީޑަރުންނަށާއި ހަރު ބޭފުޅުންނަށާއި މިރާއްޖޭ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ދެނެއް ތިޔަބޭފުޅުން ތިޔަ ކަންބޮޑުވާ ކަންތައްތަކެއް ނުވާނޭ. ކުރީގެ ރައީސެއް ވަޑައެއް ނުގަންނަވާނޭ... އެއީކީއެއް އެއް ގޮތަކަށްވެސް ކަންބޮޑުވާންވީން ކަމެއް ނޫން. އަޅުގަނޑުމެނަށް އެނގޭ މިރާއްޖޭގެ ތާރީހު ހިނގާފައި އޮތް ގޮތް. ނިމޭ ގަޑީގައި ވާގޮތް،"
ރައީސް ވިދާޅުވީ ހިތްވަރުން ކެތްތެރިކަމާއެކީގައި ރާއްޖެ ދެކެން ބޭނުން ވަނީ އެހެން މަންޒަރުތަކެއް ކަމަށްވާތީ އަބަދުވެސް އެމަނިކުފާނު ވިދާޅުވަމުން އައީ ކާމިޔާބުގައި ހިތްތިރިކުރުމަށް ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް އެކަން ކުރައްވާނީ އެގޮތަށް ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ތާރީހާ ގުޅުވައިލައްވަމުން ރައީސް ވިދާޅުވީ އަލިރަސްގެފާނަށް މެދުވެރިވި ގޮތާމެދު ބަލައިލަން ޖެހޭ ކަމަށާއި އަލި ރަސްގެފާނު މާފަންނާ ހަމައަށް ވަޑައިގެން ބައްލަވައިލެއްވިއިރު ތިއްބެވީ ދެ ބޭފުޅުން ކަމަށެވެ. އަލިރަސްގެފާނުގެ ޒިޔާރަތް ވެފައި އޮންނަނީ އެ ދެ ބޭފުޅުންނާ އެކުގައި ކަމަށާއި އަދި އަނދިރިއަނދިރިންގެ ބޮޑު ވަޒީރަކަށް ވެވަޑައިގެންނެވި ތުއްފާށަނާއަކީ އަލިރަސްގެފާނުގެ ބޮޑު ވަޒީރު ކަމަށް ވުމުން ރާއްޖެއަކު އާ ކަމެއް ނުހިނގާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މީ ވަރަށް ޒަމާންވީ ތަނެއް މީ ވަރަށް ގަދީމީ ރަށެއް އެއްހާސް އެތައް އަހަރެއްގެ ތާރީހާއެކުގައި އަޅުގަނޑުމެން އުޅެމުން މިދަނީ، އެއްގޮތަކަށް ވެސް ކަންބޮޑުވެ ނުލައްވާތި،"