ގަވަރުމެންޓް އީލެޓާ މެނޭޖްމަންޓް ސިސްޓަމް(ޖެމްސް) ހުއްޓުމަކަށް ގެނައި ކަން ސާބިތުވެ ޖަލަށް ލުމުށް ހުކުމް ކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުނާފް އަޑުއެހުމުގައި ދިފާއުގައި 12 ނުކުތާއެއް ފާހަގަކޮށް މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލާގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހާޒިރުވެވަޑައިގަތް މިއަދުގެ އިސްތިއުނާފް އަޑުއެހުމުގައި ދިފާއީ ނުކުތާތައް ހުށަހަޅުއްވާފައި ވަނީ އޭނާގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު އެވެ. ނުކުތާތައް ހުށަހަޅުއްވަމުން ނޫރު ވިދާޅުވީ ސުޕްރީމް ކޯޓު ތެރޭގައި ޖެމްސް ސިސްޓަމް ހުއްޓުމަކަށް ގެނައުމަކީ ގާނޫނީ ކުށެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުކުމެއް ނުކުރެވޭނެ ކަމަށެވެ.

ޖެމްސް އަކީ ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ލިޔެކިޔުންތައް ބަދަލުކުރުމަށް ބޭނުންކުރާ ސިސްޓަމެއްކަން ފާހަގަކޮށް ނޫރު ވިދާޅުވީ ސުޕްރީމް ކޯޓަކީ ސަރުކާރުގެ އިދާރާއެއް ނޫން ކަމަށާއި ސުޕްރީމް ކޯޓަކީ ގާނޫނި ގޮތުން މިނިވަން ބާރެއް ކަމަށެވެ. ޖެމްސް ހުއްޓުމަކަށް އައި ނަމަވެސް ސުޕްރީމް ކޯޓުގެ ކައުންޓަރު މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ ކަން ނޫރު ފާހަގަކުރެއްވި އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ ބަދަލުވި ސަބަބު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ގޮތަށް އަންގާފައި ނެތް ކަމާއި މައްސަލައާ ބެހޭ ބައެއް ލިޔެކިޔުންތައް ދިފާއީ ވަކީލުންނަށް ދީފައި ނުވާ ކަމަށް ނޫރު ވިދާޅުވި އެވެ. އަދި ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހުއްދަ ދެއްވާފައިވާ ބޭފުޅެއް ކަން އެނގެން ނެތް ކަމަށް ވެސް ނޫރު ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. އެ މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނަނީ ދައުލަތުން ފާހަގަކުރާ ނުކުތާތައް ހުށަހެޅުމެވެ.