ތެލްއަވީވް(މޭ 28): ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލަށް ވަނުން ހުއްޓުވުމަށްޓަކައި ޣައްޒާގެ ބޯޑަރުގައި ކަނޑުތޮއްޓެއް ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނި ގޮތުގައި ޣައްޒާގެ އުތުރުގައި އެކަނޑުތޮށި ލުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިމޭނެއެވެ.

އިސްރާއީލްގެ މީޑިއާތަކުގައިވާ ގޮތުން އެތޮށިގަނޑު ލާން އެގައުމުގެ ޑިފެންސް މިނިސްޓްރީން ނިންމީ، 2014 ވަނަ އަހަރު ޣައްޒާ ހަނގުރާމައިގައި ހަމާސްގެ ހަނގުރާމަވެރިން ކަނޑުމަގުން އިސްރާއީލަށް އެރިކަން އެނގުމުންނެވެ.

ދެހާސްހަތް ވަނަ އަހަރު ހަމާސްއިން ޣައްޒާގައި ވެރިކަން ކުރަން ފެށި ފަހުން އިސްރާއީލުން ވަނީ އެސަރަހައްދު ބަންދުކޮށްފައެވެ.

އެގޮތުން އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ޣައްޒާގެ ރައްޔިތުންނަށް މަސްވެރިކަން ކުރެވޭނީ ވަކި ސަރަހައްދެއްގައި ކަން ކަނޑައަޅާފައެވެ. އަދި އެސަރަހައްދުން ބޭރަށްދާ މަސްވެރިންނާ ދިމާލަށް އިސްރާއީލް ސިފައިން މީގެ ކުރިން ބަޑި ޖަހާފައިވެއެވެ.

އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑާރު ކައިރީ ފަލަސްތީނުގެ ރައްޔިތުން މިދިޔަ މާޗް މަހު ފެށި މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް ހަމާސްއިން ދަނީ ގޮވާލަމުންނެވެ. ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި އެމުޒާހަރާތައް ފެށީ މިމަހުގެ 15 ވަނަ ދުވަހު ފާހަގަ ކުރާ ނަގްބާ ދުވަހާ ދިމާކޮށެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން އެބިން ދޫކޮށް ދާން ޖެހުނު ދުވަހެވެ.

އެމުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 118އަށް ވުރެ އިތުރުވެފައެވެ. (އަލްޖަޒީރާ)