28 May 2018, 13:29
ހދ. ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުގެ ހުޅަނގު އުތުރު ފަރާތުގައި ޖަހާފައިވާ ހިލަ ތޮށްޓަށް ލިބުނު ގެއްލުމުގެ މާރާމާތު މަސައްކަތް މޫސުން ރަނގަޅުވިހާ އަވަހަކަށް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެއާޕޯޓްއެޅުމަށްޓަކައި ހިއްކާފައިވާ އެ ބިމުގެ ވަށައިގެން ޖަހާފައިވާ ހިލަތޮށްޓަށް ގެއްލުން ލިބުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އުތުރަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދުގައި ޖަހާފައި ހުރި ހިލަ ތޮށްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުވުމުން މަރާމާތުގެ މަސައްކަތް ކުރާނެ ކަމަށެވެ.
Rajje ge uthurahh kuramundhaa vissaaraiga Kulhudhuffushi Airport alhaa sarahaddhugai jahaafaihuri hila thottahh bodethi gellunthakehh vanee libifa. Moosun rangalhuvumun hilathoshi maraamaathu kurumuge masakkai#TeamMTCCin fashaane.pic.twitter.com/D3qweWLTdf
— MTCCProjects (@projectsmtcc)May 26, 2018
ދާދި ފަހުން ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ އެރަށު އުތުރު ފަރާތުގެ މޫދާއި ކުޅިން ބައެއް ހިއްކައިފައެވެ. އަދި އެ ސަރަަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ބޮޑު ބައެއްގައި ވަނީ ހިލަތޮށިވެސް ޖަހައިފައެވެ.
މަހާ ޖައްރާފު ބޭނުން ކޮށްގެން ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފަށައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރާއި އެ ރަށު ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު ވަނީ ހިއްކައިފައެވެ.