މި މަހު 11ގައި ރިލީޒްކުރި އާލިއާ ބަޓްގެ "ރާޒީ"އަށް ވެސް އެއް ބިލިޔަން ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.

ފިލްމު އެކި ހިސާބުތަކުގެ ސިނަމާތަކުގައި އަދިވެސް ދައްކަމުން ދާއިރު ފިލްމުގެ ވިޔަފާރި އިތުރުވެގެން ދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމަކީ އާދައިގެ ފިލްމެއް ނޫންކަމަށާއި ބެލުންތެރިންގެ އިތުރުން ކްރިޓީކުން ވެސް މި ފިލްމަށް ތާއީދުކުރުމުގެ ނަތީޖާއަކީ އެއް ބިލިޔަން ނުވަތަ 100 ކްރޯޑު ރުޕީސް ހަމަވުން ކަމަށެވެ.

އާލިއާގެ ހުނަރުވެރިކަމާ މެދު އެއްވެސް ޑައިރެކްޓަރެއް ވެސް ސުވާލެއް ނުއުފައްދާނެއެވެ. އޭނާގެ ހަ އަހަރުވީ ކެރިއަރުގައި އޭނާގެ ދެ ފިލްމެއް ވަނީ އެއް ބިލިޔަން ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ. އެއީ "2 ސްޓޭޓްސް" އަދި "ބަދްރިނާތުކީ ދުލްހަނިޔާ"އެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ "ސެހްމަތު" ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާއަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި އެ ފިލްމުގައި އޭނާއަކީ ދަރިއެކެވެ. އަދި އަނތްބެކެވެ. އަދި ޖާސޫސް ކުރާ މީހެކެވެ.

"ރާޒީ"އަކީ ހަރިންދަރު ސިއްކާގެ ފޮތް "ކޯލިންގް ސެހްމަތު"ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މިއަހަރަކީ ބޮލީވުޑަށް ކާމިޔާބު އަހަރެކެވެ. މިއަހަރުގެ މިހާތަނަށް ނުކުތް ހަތަރު ފިލްމެއް ވަނީ އެއް ބިލިޔަން ރުޕީސްގެ އާމްދަނީއަކާ ހަމަކޮށްފައެވެ. އެއީ "ޕަދްމާވަތު"، "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"، "ރެއިޑް" އަދި "ބާގީ 2"އެވެ.

ގިނަ ތަރުހީބެއް މިއަހަރުގެ ފިލްމުތަކަށް ލިބިގެންދާއިރު އަހަރުގެ ބާކީ އޮތްބައިގައި ވެސް ގިނަ ފިލްމުތަކެއްވެސް އެއް ބިލިޔަން ރުޕީސްގެ އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވެއެވެ.