28 May 2018, 10:30
ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕާލް އާއި އޭނާގެ އަނބިމީހާ މެހެރް ރާމްޕާލްގެ ދުވަސްވީ ކައިވެނި ނިމުމަކަށް ގެނެސް ދެމީހުން ވަކިވެއްޖެއެވެ.
ދެމީހުންގެ 20 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައިފައިވާ ކަމަށް ޚަބަރުތައް ބުނަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެފަހުން އެ ވާހަކަތައް ޔަގީންކޮށްދީފައި ވަނީ ދެމީހުން ގުޅިގެން ދިން ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް ދެމީހުންނަށް ވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.
އަދި ގުޅުން ނިމުނު ނަމަވެސް، ދެމީހުންގެ ދެމެދުގައި އޮތް ލޯތްބާއި އިހްތިރާމަށް ބަދަލެއް ނާންނާނެ ކަމަށާއި، ކުދިންގެ ކަންކަމުގައި ދެމީހުންގެ ބައިވެރިވުން އަބަދުވެސް އޮންނާނެ ކަމަށް ބަޔާނުގައިވެއެވެ.
ދެމީހުން ވަކިވާން ނިންމި އިރު ކައިވެންޏަށް ދެކުދިން ވަނީ ލިބިފައެވެ. އެއީ މަހިކާ (16) އަދި މައިރާ (13) އެވެ.
އަރްޖުން އާއި މެހެރް ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. މެހެރް އަކީ އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އެއްގެ އިތުރުން ސުޕަމޮޑެލް އެކެވެ.