06 Sep 2011, 23:07
ޕެރިސް (ސެޕްޓެމްބަރ 6) : ފިއްލަވައިގެން އުޅުއްވާ ލީބިޔާގެ ކުރީގެ ޒަޢީމް ކާރަނަލް މުޢައްމަރުލްޤައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް، އެފްރިކާގެ ޤައުމެއްކަމަށްވާ ބުރްކީނާ ފާސޯއަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަރަންސޭސި ޢަސްކަރީ ދާއިރާތަކުން ބުނެފިއެވެ.
ފަރަންސޭސި ޢަސްކަރީ ދާއިރާތަކާ ހަވާލާދީ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ އެޖެންސީތަކުން ބުނިގޮތުގައި ގައްޒާފީގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި އޭނާއަށް ވަފާތެރި ސިފައިންގެ ބައެއް ކޮމާންޑަރުން މިހާރުގެންދަވަނީ ލީބިޔާގެ އެތަށްސަތޭކަ ވެހިކަލްތައް ހިމެނޭ ބޮޑު ޤާފިލާއެއްގައި ލީބިޔާގެ ދެކުނުގެ ހަނަފަސް ސަހަރާގެތެރެއިން އަވަށްޓެރި ނައިޖަރުގެ ސަރަޙައްދީ ރޮނގާ ދިމާއަށް ދަތުރު ކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިޤާފިލާ ވަނީ އަލްޖަޒާއިރުގެ ސަރަޙައްދުގެ ތެރެއިންލާފައި ނައިޖަރުގެ އުތުރުގެ ރަށެއްކަމަށްވާ އަޣާދީޒްއަށް ރޭގެ ދަންގަޑިއެއްގައި ވާސިލްވެފައެވެ.
ލީބިޔާގެ ޤާފިލާގައި 250 އެއްހާ ވެހިކަލް ހިމެނޭކަމަށާއި ނައިޖަރުގެ ސަރަޙައްދީ ރޮނގަށް ވާސިލްވުމަށްފަހު އެ ޤާފިލާ ހަރަކާތްތެރިވަމުން ދިޔައީ ނައިޖަރު ސިފައިންގެ ބެލުމުގެ ދަށުން ނައިޖަރު ސަރުކާރުގެ ޙިމާޔަތުގައި ކަމަށާއި މާދަމާގެ ވަގުތެއްގައި އެޤާފިލާ ބުރްކީނާ ފޯސޯގެ ސަރަޙައްދަށް ވަންނާނެ ކަމަށްވެސް ފަރަންސޭސި ޢަސްކަރީ ދާއިރާތަކާ ހަވާލާދީ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ އެޖެންސީތަކުން ބުނެއެވެ.
ލީބިޔާގެ އެޤާފިލާ، ނައިޖަރުގެ މަގުން ބުރްކީނާފާސޯއަށް ދިޔުމަށް ރާވާފައިވަނީ ނައިޖަރު ސަރުކާރާއި ބުރްކީނާފާސޯގެ ސަރުކާރާއެކު ކުރިންވާހަކަ ދެކެވިގެން ކަމަށާއި އެޤާފިލާއާ ގުޅުމަށް ގައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ މިކަން ރޭވުމުގައި ފަރަންސޭސި ސަރުކާރުގެ އަތެއްވާކަމަށްވެސް މިކަމާބެހޭ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ބުރްކީނާފާސޯގެ ސަރުކާރުން ކުރިންވަނީ ކާރނަލް ޤައްޒާފީއަށާއި އޭނާގެ ޢާއިލާއަށް އެޤައުމުން ޙިމާޔަތާއި ރައްކާތެރިކަން ދޭނެކަން ހާމަކޮށްފައެވެ. ޤައްޒާފީގެ ތަރްޖަމާން ޑޮކްޓަރ މޫސާ އިބްރާހީމް އިއްޔެ ވިދާޅުވީ ޤައްޒާފީ އަދި ހުންނެވީ ލީބިޔާގައި ކަމަށާއި އޭނާ ހުންނެވީ ރައްކާތެރި ތަނެއްގައި ފުރިހަމަ ސިއްޙަތެއްގައި ކަމުގައެވެ. އަދި ޤައްޒާފީއަށާއި އޭނާގެ ޢާއިލާއަށް ލީބިޔާގައި އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ލީބިޔާގެ ހަނގުރާމަވެރިން ބަލިކޮށްލެވޭނެ ކަމަށްވެސް ޤައްޒާފީއެކޭ އެއްގޮތަށް ފިއްލަވައިގެން އުޅުއްވާ މޫސާ އިބްރާހީމް ސޫރިޔާގެ އައްރައްޔު ޓީވީއަށް ފޯނުކުރައްވައި ވިދާޅުވެފައިވެއެވެ. (ނޫސްއެޖެންސީތައް)