27 May 2018, 16:11
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގައި މިސްރުގެ ތަރި، މުހައްމަދު ސަލާހުގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއިން ރިކަވާވެ އޭނާ ވޯލްޑް ކަޕަށް ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް މިސްރުގެ ގައުމީ ޓީމުން ބުނެފިއެވެ.
މިސްރުގެ ގައުމީ ޓީމުގެ ފިޒީޝަން ޑރ. މުހައްމަދު އަބޫ އޮލާއާ ހަވާލާދީ މިސްރު ގައުމީ ޓީމުގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ބުނެފައިވަނީ ލިވަޕޫލްގެ މެޑިކަލް ޓީމާއި މިސްރުގެ ގައުމީ ޓީމުގެ މެޑިކަލް ޓީމާ ގުޅިގެން ސަލާހުގެ އަތުގެ ކޮނޑު ހުޅަށް ލިބިފައިވާ އަނިޔާ ބަލަމުންދާ ކަމަށެވެ. އަދި އޭނާގެ ކޮނޑު ހުޅުގެ ރޭޑިއޭޝަން ސްކޭނެއް ހަދާފައިވާ ކަމަށާއި، މިވަގުތު ސަލާހަށް ޑޮކްޓަރުން އިރުޝާދު ދީފައިވަނީ ބޭންޑަކާއެކު ކޮނޑު ހުޅުގެ ހަރަކާތް ކުރުމަށް ކަމަށްވެސް ޓްވީޓްގައި ވެއެވެ.
تحديث | أفاد الدكتور محمد أبو العلا طبيب المنتخب أن الجهاز الطبي بنادي ليفربول قد ابلغوه بعد إجراء الآشعة على كتف صلاح وأفادت نتيجتها بأن اللاعب أصيب بجزع في أربطة مفصل الكتف وأضاف انه وفقا لهذا التشخيص عن تفاؤله بأن يلحق صلاح بالمنتخب الوطني في كأس العالم ????????????????@MoSalah
— Egypt National Football Team (@Pharaohs)May 26, 2018
މިސްރުގެ ގައުމީ ޓީމުން އިތުރަށް ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން މިސްރުގެ ގައުމީ ޓީމާއެކު ސަލާހް ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗު ނިމުނީ 3-1ގެ ނަތީޖާއަކުން ރެއާލް މޮޅުވެގެންނެވެ. މެޗުގެ ކުރީކޮޅުގައި ރެއާލްގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެން ސަލާހްގެ ކޮނޑަށް ލިބުނު އަނިޔާއާއެކު އޭނާ ބަދަލުކޮށްފައިވާ އިރު، މެޗަށްފަހު ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނީ އަނިޔާ ސީރިއަސް ކަމަށެވެ.
"ސަލާހްގެ އަނިޔާ ވަރަށް ސީރިއަސް. ސަލާހް ހުރީ ހަސްފަތާލުގައި. ސަލާހްގެ ކޮނޑުކަށިގަނޑު ނޫނީ ކޮނޑަށް އަނިޔާވެފައިވަނީ. އޭނާގެ އެކްސްރޭއަށް ފަހު އެނގޭނީ،" ކްލޮޕް ބުންޏެވެ.

ސަލާހްގެ ކޮނޑަށް އަނިޔާވެ އޭނާ ވަނީ ފުރަތަމަ ހާފްގައި ބަދަލުކޮށްފައި --- ފޮޓޯ/ އޭޕީ
ކްލޮޕް އިތުރަށް ބުނީ ރާމޯސްގެ ފަރާތުން ފެނިގެން ދިޔައީ ނުރައްކާތެރި ޗެލެންޖެއް ކަމަށާއި، "ރެސްލިން"ގައި ފެންނަ ކަހަލަ މަންޒަރެއް ކަމަށެވެ.
މިސީޒަންގައި ލިވަޕޫލަށް 44 ގޯލް ޖަހައިދިން ސަލާހަކީ މިސްރުގެ ގައުމީ ޓީމަށް ވެސް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ގިނަ އަހަރުތަކަކަށްފަހު މިއަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައި ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ސަލާހަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުން ވެގެންދާނީ މިސްރަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ.