27 May 2018, 16:05
ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި އަލަށް ތައާރަފުކުރާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުންދޭ މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުުން ފެށިގެން އަންނަ މަހުގެ 23 އާ ހަމައަށް ވަނީ ހުލުވާލައިފައެވެ.
ބްލޭޒަންގެ ޗީފް ސްޓްރެޓެޖީ އޮފިސަރު އަހުމަދު އަސްބާބު ވިދާޅުވީ، ކުންފުނި ތަކަށާއި ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް މި އެވޯޑަށް ކުރިމަތި ލެވޭނެ ކަމަށެވެ. އެވޯޑަށް ކުރިމަތިލުމަށް އޮންލައިންކޮށް ވެސް ފޯމު ފުރޭނެއެވެ. އަދި ބްލޭޒަންގެ އޮފީހަށްވެސް ފޯމު ހުށަހެޅޭނެއެވެ.
ބިޒްނަސް އެވޯޑަކީ ރާއްޖޭގައި ދެވޭނެ މިފަދަ އެންމެ ޝަރަފުވެރި އެވޯޑު ކަމަށް އަސްބާބު ވިދާޅުވިއެވެ.
"މިއީ އެންމެ ބޮޑު ކުންފުންޏަށް ދޭނެ އެވޯޑެއް ނޫން. އެ ދާއިރާއެއްގައި އެންމެ ޕާފޯމަންސް ރަނގަޅު އެންމެ ނަމޫނާ ކުންފުންޏަށް ދޭނެ އެވޯޑެއް،" އަސްބާބު ވިދާޅުވީ މި އެވޯޑާއެކު ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާ އަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމައިފައެވެ. މި ދާއިރާ ތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލައިޓް އެވޯޑްސް އެވެ.
ބިޒްނަސް އެވޯޑު ޑިޒައިން ކުރުމުގެ ފުރުސައތުވެސް ބްލޭޒަން އިންކުން ވަނީ މިއަދު ހުޅުވާލައިފައެވެ އެވޯޑު ޑިޒައިން ކުރާ ފަރާތްތަކުން އެވޯޑުގެ ކޮންސެޕްޓާއި އަގާއެކު އެ ކުންފުންޏަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 10 އެވެ. މީގެ އިތުރުން ބިޒްނަސް އެވޯޑުގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތުވެސް ވަނީ އަންނަ މަހުގެ 14 އާ ހަމައަށް ހުޅުވާލައިފައެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސް ހަފްލާ ބާއްވަން ނިންމާފައިވަނީ ޖުލައިމަހުގެ ތެރޭގައެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.