27 May 2018, 16:03
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކުރަނީ އެކުދިން ބެލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުދިން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ފޮސްޓާ ޕެނަލްގެ ނަމުގައި ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ ހާއްސަ ޕެނަލަކުންނެވެ.
އެ ޕެނަލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކުރި ހަތް ކުދީންގެ ތެރޭގައި އަހަރު ނުފުރޭ ފަސް ކުދިން ހިމެނޭއިރު އެންމެ ތުއްތު ކުއްޖާގެ އުމުރަކީ ހަތަރު މަހެވެ.
މިއީ އެ ޕަނަލް އުފެއްދި ފަހުން، ގާނޫނީ ބެލެނިވެރިކަން ބަޔަކަށް ދިން ފުރަތަމަ ފަހަރެވެ.
ފޮސްޓާ ޕެނަލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ބުނާ ގޮތުން، ބަލާނެ ބަޔަކު ނެތުމުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިން ގެންގުޅެ ބޮޑުކުރުމަށް ހަތް އާއިލާއެއްގެ މިދިޔަ އަހަރު ކުރިމަތިލިއެވެ.
ނަމަވެސް އެ އާއިލާތަކުގެ ތެރެއިން ފުރުސަތު ދީފައިވަނީ ފަސް ފަރާތަކަށެވެ. އަދި އަނެއް ދެ އާއިލާއަކީ 2016 ވަނަ އަހަރު އެކަމަށް އެދި ކުރިމަތިލި އާއިލާތައް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ފޮސްޓާ ކެއާއަށް ކުއްޖަކު ގެންދިއުމަށް އެދި ފޯމް ހުށަހެޅުމުން އެކަމަށް ހާއްސަ ޕެނަލުން އެކަން ރިވިއުކޮށް، ބެލެނިވެރިންނަށް ވާން އެދޭ ފަރާތްތަކާ އިންޓަވިއު ކުރެއެވެ. އަދި އިންޓަވިއުއިން ފާސްވާ ފަރާތްތަކާ ދެ ހަފްތާގެ ޓްރާންސިޝަން މުއްދަތަށްފަހު ކުއްޖާ ހަވާލުކުރެ އެވެ.
އަދި ކުއްޖާ ހަވާލުކުރުމަށްފަހު ކޯޓް މަރުހަލާގެ ތެރެއިން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކުރާ ކަމަށް ޖެންޑާ އިން ބުނެއެވެ.