ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗްތަކެއް އުރީދޫ ނެޓްވާކް މެދުވެރިކޮށް އެއް ވިއުގަޔަަކުން ގުޅާލައިފި އެވެ.

ފެނަކަ ބިލްޑިންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމާން އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ.

ފެނަކައިން ބުނީ މީގެ ކުރިން އެކުންފުނީގެ އެކި ހިދުމަތްތައް ދެމުން ގެންދިޔައީ އެކި ނެޓްވާކްތައް ބޭނުންކޮށްގެން ކަމަށާއި އޭގެ ސަބަބުން އެކި ހިދުމަތް ދެމުންގެންދިޔައީ އެކި ސްޕީޑްގައި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ބްރާންޗްތަކަކަށް އެއް ސްޕީޑެއްގައި އިންޓަނެޓް ދެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިގެ ހުރިހާ ބްރާންޗްތަކެއް އެއްވިއުގަޔަކުން ގުޅާލުމުގެ ގޮތުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފެނަކަ

ފެނަކައިން ބުނީ މިއަދުވި އެއްބަސްވުމުގެ ދަށުން ހެޑް އޮފީހުގައި މިވަގުތު ބޭނުންކުރަމުން ގެންދާ އީއާރުޕީ ބިލިންގް އާއި އެޗްއާރު ފަދަ މުހިންމު ސޮފްޓްވެއާތައް އެއް ނެޓްވާކެއްގެ ދަށުން ގެންދިއުމުން އާންމުކޮށް ދިމާވާ ކަނެކްޝަންގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި އެކި ބްރާންޗްތަކާއި ހެޑް އޮފީހުން ބޭނުންވާ ލިޔެކިޔުންތައް ވަގުތުން ވަގުތަށް ފެނަކައިގެ އިންޓްރާނެޓް އިން ޝެއާ ކޮށްލެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އުރީދޫގެ ނެޓްވާކުން ހުރިހާ ބްރާންޗްތައް ގުޅާލުމުން އެ ކުންފުނިން އެ ނެޓްވާކްތަކަށް ކުރަމުން އައި ހޭދަ 50 ޕަސެންޓް ކުޑަކުރެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އިންޖީނުގެއާއި ފެނުގެ ހިދުމަތްދޭ 152 ބްރާންޗް ފެނަކައިގައި މިހާރު ހުރެ އެވެ.