27 May 2018, 14:13
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދޭން އެޕާޓީގެ ކައުންސިލުން ނިންމީ ގަވައިދާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ ކައުންސިލު ބައްދަލުވުމެއްގައި، ކައުންސިލު ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމައި އެކަން ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އެ ސިޓީއާ އެކު އަސާސީ ގަވާއިދާ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމީ ކޮން އުސޫލެއްގެ ތެރޭންކަން ވެސް އަންގާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑުމެން އެކަން ދިރާސާ ކުރަން ފެށީ. ކޮމިޝަނުގެ ހަތަރު މެމްބަރުންނަށް އިއްތިފާގު ވެވުނު ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމީ ގަވައިދާ އެއްގޮތަށް ކަން،" އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމީ ޕާޓީގެ އަސާސީ ގަވައިދުގެ 69 ވަނަ މާއްދާއަށް ރިއާޔަަތް ކޮށްފައިކަމަށެވެ.
އަސާސީ ޤަވާއިދުގެ 69 ވަނަ މާއްދާގެ (އ)ގައި ބުނެފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މެމްބަރަކު ގާނޫނު އަސާސީއާ އެއްގޮތަށް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭ ނަމަ އެ މެމްބަރަކަށް ރިޔާސީ ޕްރައިމެރީއަކަށް ނުގޮސް ޕާޓީގެ ޓިކެޓް ދެވިދާނެ އެވެ.
ނަމަވެސް ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ އެ މެމްބަރަކު ނުވަތަ މެމްބަރުންނަށް ޕްރައިމެރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ ރިޔާސީ އިންތިހާބުގެ ތާރީހާ އެންމެ ކައިރިކޮށް ބެއްވޭ ޕާޓީގެ ގައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަންވާނެ ކަމަށް ވެސް އަސާސީ ގަވާއިދުގައި ވަނީ ބުނެފަ އެވެ.