27 May 2018, 12:39
އަދިސް އަބަބާ (މޭ 27): އިތިއޯޕިއާއިން މަރަން ހުކުމްކޮށްފައިވާ އިދިކޮޅު ލީޑަރު، އަންދަރުގަޗޫ ސީގޭއަށް މާފު ދީފި ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ސީޖްގެ މައްޗަށް 2009 ވަނަ އަހަރު ޓެރަރިޒަމްގެ ދައުވާ ކުރީ އިތިއޯޕިއާއިން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ދެކޭ ގިންބޮޓް 7ގެ މެމްބަރަކަށްވުމުންނެވެ. އޭނާ ވަނީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައި އެވެ.
އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދާފައިވާ ސީޖްގެ މައްޗަށް ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އަދި އިތިއޯޕިއާއިން އޭނާ ހައްޔަރު ކުރީ 2014 ވަނަ އަހަރު ޔަމަނުންނެވެ.
އިތިއޯޕިއާގެ އެޓާނީ ޖެނެރަލް ވިދާޅުވި ގޮތުގައި އަންދަރުގަޗޫ އާއި އިތުރު 575 ގައިދީއަކަށް މާފު ދިނީ ހާއްސަ ހާލަތެއްގެ ދަށުންނެވެ. އަދި އެއީ "އެގައުމުގައި ސިޔާސީ ޖާގަ ފުޅާ ކުރުމުގެ ގޮތުން" ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ދުވަސް ތެރޭ އަންދަރުގަޗޫ މިނިވަން ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އިތިއޯޕިއާއިން ޓެރަރިޒަމްގެ ކުށުގައި ނުވަތަ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެތައް ހާސް މީހުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުން ދޫކޮށްލާފައި އެވެ.
އެއީ މީގެ ތިން އަހަރު ކުރިން އެގައުމުގައި ފެށި ބޮޑެތި މުޒާހަރާތަކަށް ފަހު ސަރުކާރުން ގެންނަން ފެށި އިސްލާހުތަކުގެ ދަށުން ދޫކޮށްލި ގައިދީންތަކެކެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އެމުޒާހަރާތައް ފެށުނީ އެގައުމުގެ އޮރޯމޯ ދަރިކޮޅުގެ މީހުން އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެކަހެރި ކުރަމުންދާ ކަމަށް ބުނެ އެގައުމުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކަމަށްޗާ އޮރޯމިއާ އައި އަމްހާރާގައި އެވެ.
އަދި އެމުޒާހަރާތައް ފުޅާވެ، ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ތެދުވުމުގެ ސަބަބުން އިތިއޯޕިއާގެ ބޮޑުވަޒީރު ހައިލަމާރިއަމް ދެސާލީން ވަނީ މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވާފައި އެވެ. ދެސާލިން އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ ވަނީ އެގައުމުގެ ހުރިހާ ސިޔާސީ ކުށްވެރިން ކަމަށް ވިދާޅުވެފައި އެވެ.
އޭގެ ފަހުން އެގައުމުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި އިސްކޮށް ހުންނެވި އަބީ އަހުމަދު ވަނީ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފަ އެވެ. (އަލްޖަޒީރާ)