ޔުކުރެއިންގެ ކިއޭވްގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ގޯލް ނުޖެހުމުން އެއްވެސް ވަރަކަށް މާޔޫސް ނުވާ ކަމަށާއި ރެއާލްގައި އަންނަ ސީޒަންގައި މަޑުކުރުމާ ގުޅިގެން ސްޕޯޓަރުންނަށް ވަރަށް އަވަހަށް ޖަވާބެއް ދޭނެ ކަމަށް ޓީމުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ލިވަޕޫލާ ދެކޮޅަށް ރެއާލްއިން ރޭ ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ރޮނާލްޑޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް، ރެއާލް ފައިނަލަށް ގެންދިއުމުގައި ރޮނާލްޑޯގެ ހިއްސާ ބޮޑެވެ. ރޮނާލްޑޯ އަކީ 15 ގޯލާ އެކު މި އަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ރޮނާލްޑޯއަކީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 120 ގޯލް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްފަ އެވެ.

"ގޯލެއް ނުޖެހުނަސް މާޔޫސް ނުވޭ. ކީއްވެ އަހަރެން މާޔޫސް ވާންވީ؟ ޗެމްޕިއަންސް ލީގު ނަމުގެ ކުރިއަށް މިހާރު ސީއާރް7 ލާން ވެއްޖެ ކަންނޭނގެ. އަހާބަލަ އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިޔަކީ ކާކުތޯ؟ އެންމެ ގިނައިން ޗެމްޕިއަންސް ލީގުގައި ގޯލް ޖެހީ ކާކުތޯ؟" މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ޔޫރަޕިއަން ކަޕުން ޗެމްޕިއަންސް ލީގަށް ފޯމެޓް ބަދަލުކުރީ 1992 ވަނަ އަހަރުގަ އެވެ. ރޭގެ ނަތީޖާއާ އެކު ރެއާލް ވެފައި ވަނީ ފޯމެޓް ބަދަލުކުރި ފަހުން ޗެމްޕިއަންސް ލީގުގެ ތަށި، ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އަދި ރޮނާލްޑޯ އަކީ އޭގެ ފަހުން ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެއް ފަހަރު، ރެއާލްއާ އެކު ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ރެއާލްއާ ގުޅުނީ 2009 ވަނަ އަހަރުގަ އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވަނީ 2021 ވަނަ އަހަރަށް ނަމަވެސް، ރޭގެ މެޗަށްފަހު ރޮނާލްޑޯ ވަނީ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއް ތޭރެގައި އަހަރެން ޖަވާބެއް ދޭނަން ސަޕޯޓަރުންނަށް. އަހަންނަށް ރެއާލްގައި ހޭދަ ކުރެވުނީ ވަރަށް ކާމިޔާބު ދުވަސްތަކެއް. އެކަމަކު ކުރިމަގެއް ނޫން މިވަގުތު މުހިއްމީ ވެސް. އެކަމާ ވާހަކަ ދައްކާނީ ފަހުން. އަހަންނަށް ދެން އޮތީ ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް. އަރާމުކޮށްލުމަށް ފަހު ވޯލްޑް ކަޕަށް ތައްޔާރުވާނީ." ރޮނާލްޑޯ ބުންޏެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ޔުވެންޓަސް ކޮޅަށް ރޮނާލްޑޯ ދެ ގޯލް ޖަހާފައިވެ އެވެ. ރޮނާލްޑޯ އާއްމުކޮށް ފާހަގަ ކުރެވެނީ ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރޭ ކުޅުންތެރިއެއް ގޮތުގަ އެވެ.