ކުރިއަށް 24 ގަޑިއިރު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

ހުޅަގާއި ހުޅަނގު އުތުރުން އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އަދި ދެކުނުގެ ހިސާބުތަކަށް ގަޑިއަކު 12 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.

"އެހެންކަމުން އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ،" މެޓް އޮފީހުން ބުންޏެވެ.

ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ އެކިހިސާބަށް ގުގުރުމާ އެކު ވިއްސާރަކުރާނެ
  • އުުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެންވޭ.
  • ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް.

އެކި ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިތައް

  • އުތުރުގެ ސަރަހައްދުތަކަށް މިއަދު 11:17 އަދި މިރޭ 22:17ގައި

  • މެދުތެރޭގެ ސަރަހައްދުތަކަށް މިއަދު 12:04 އަދި މިރޭ 23:47ގައި
  • ދެކުނުގެ ސަރަހައްދުތަކަށް މިއަދު 12:43 އަދި މާދަމާ 00:37ގައި