27 May 2018, 10:29
ލިވަޕޫލްގެ ތަރި، މިސްރުގެ މުހައްމަދު ސަލާހްގެ ކޮނޑަށް ލިބުނު އަނިޔާ ވަރަށް ސީރިއަސް ކަޕަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗު ނިމުނީ 3-1ގެ ނަތީޖާއަކުން ރެއާލް މޮޅު ވެގެންނެވެ. މެޗުގެ ކުރީކޮޅުގައި ރެއާލްގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެން ސަލާހްގެ ކޮނޑަށް ލިބުނު އަނިޔާއާއެކު އޭނާ ބަދަލުކޮށްފައިވާ އިރު، ރޭގެ މެޗަށްފަހު ކްލޮޕް ބުނީ އަނިޔާ ސީރިއަސް ކަމަށެވެ.
"ސަލާހްގެ އަނިޔާ ވަރަށް ސީރިއަސް. ސަލާހް ހުރީ ހަސްފަތާލުގައި. ސަލާހްގެ ކޮނޑުކަށިގަނޑު ނޫނީ ކޮނޑަށް އަނިޔާވެފައި ވަނީ. އޭނާގެ އެކްސްރޭ އަށް ފަހު އެނގޭނީ،" ކްލޮޕް ބުންޏެވެ.
ކްލޮޕް އިތުރަށް ބުނީ ރާމޯސްގެ ފަރާތުން ފެނިގެން ދިޔައީ ނުރައްކާތެރި ޗެލެންޖެއް ކަމަށާއި، "ރެސްލިން"ގައި ފެންނަ ކަހަލަ މަންޒަރެއް ކަމަށެވެ. އަދި މެޗުގައި ސަލާހަށް އަނިޔާ ނުވެ ނިންމާލުމަށް ފުރުސަތު ލިބުނު ނަމަ ނަތީޖާއަށް ވާނެ ގޮތް ނޭނގުނު ނަމަވެސް، ސަލާހަކީ ލިވަޕޫލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ނެރުނު ސްޓޭޓްމަންޓްގައި ބުނެފައި ވަނީ ސަލާހަށް އަނިޔާވުމާ އެކު ވަގުތުން ކިއޭވްގެ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ލިބިފައިވާ އަނިޔާ ބަލަމުންދާ ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސަލާހުގެ ކޮނޑުހުޅު ނައްޓާލުމުގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕް ގެއްލުން ވެސް އެކަށީގެންވެ އެވެ. އެހެން ނަމަވެސް ސަލާހާއި ލިވަޕޫލްގެ ފަރާތުން އޭނާގެ އަނިޔާއާ ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ސީޒަންގައި ލިވަޕޫލަށް 44 ގޯލް ޖަހައިދިން ސަލާހަކީ މިސްރުގެ ގައުމީ ޓީމަށް ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ނަވާވީސް އަހަރަށް ފަހު މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައި ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ސަލާހަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުން ވެގެންދާނީ މިސްރަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ.