06 Sep 2011, 20:29
ދަނޑުވެރިކަމާބެހޭ ސާވޭއެއް ކުރަން ކަމަށް ބުނެ އިޒްރޭލުގެ ޒަޔަނިސްޓުން މި މަހުގެ ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް އަދާލަތުން ތުހުމަތުކޮށްފި އެވެ.
މި ތުހުމަތު ކުރައްވައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ވަނީ ޕާޓީގެ ރަސްމީ ވެބްސައިޓަށް ބަޔާނެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އިޒްރޭލުގެ “ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލިމިޓެޑް” ގެ ހަތަރު މީހުންގެ ވަފުދެއް މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ އައިސް ހަފުތާއެއް ހޭދަ ކުރަން ހަމަޖެހިފައިވާ ކަމަށް މުއުތަބަރުކޮށް އެނގިފައިވާ ކަމަށެވެ. އިޒުރޭލުގެ އެ ޓީމް ދަތުރުތައް އޮތީ ހއ. ފިއްލަދޫ އާއި ދަނޑުވެރިކަމުގެ ސިނާއީ ރަށް، ސޮލާހު ޝިހާބުގެ ހއ. މާފައްސާއި އަދި އައްޑޫ ސިޓީއަށް ކަމަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
އާދަލަތުން ތުހުމަތު ކުރައްވާ މި ވާހަކައާ ބެހޭ ގޮތުން ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. އިބުރާހިމް ދީދީއާ ގުޅުމުން ކުރުކުރުކޮށް ވިދާޅުވީ "އެއީ ބުހުތާން ދޮގު" ކަމަށެވެ. މިނިސްޓަރު އިތުރު އެއްވެސް ވާހަކަފުޅެއް ވިދާޅެއް ނުވި އެވެ.
ފިޝަރީޒު މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ޑރ. މައޫރު ވިދާޅުވެފައި ވަނީ އިޒުރޭލުގެ މީހުން އަންނަނީ "ވޯރކް ވިސާ” ވެސް ނުނަގާ ކަމަށާއި އެ މީހުން ގެނައުމުގައި އިސްކޮށް އުޅުއްވަނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިމިނަތު ޝާފިއާ ކަމަށެވެ.
ބޭރުގެ މަހުޖަނުންނަށް ރާއްޖޭގެ ބިން އަމިއްލަވާ ގޮތަށް ގާނޫނު ފާސްކުރުމަށް މަސައްކަތް ކުރަނީ ޒަޔަނިސްޓުން އެދިގެން ކަމަށް ވެސް ލޮލާބެހޭ ދިވެހި ޑޮކްޓަރު، ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ވިދާޅުވީ އެކަމަކީ ދިވެހިން ހޭލާ ތިބެން ޖެހޭނެ މަސްއަލައެއް ކަމަށާއި ފަލަސްތީނަށް ޒަޔަނިސްޓް ވެރިވެގަތީ ވެސް އެތާނގައި ތިބި އެޖެންޓުން ތަކެއްގެ އެހީގައި، ދަނޑު ގޮވާން ކުރުމުގެ ނަމުގައި ކަމަށެވެ.
" ވީމާ، މި ދެންނެވި ތާރީޚުގައި، އެގްރިކަލްޗާ މިނިސްޓްރީ ގެ މީހުންނާއެކު ދަނޑު ހެއްދުމުގެ ބަހަނާގައި މި ރަށްރަށަށް އަންނަ ޔޫރަޕް ފާޑުގެ މީހުންނަކީ، މަސްޖިދުލް އަޤްޞާ ވައްޓާލުމަށް މަސައްކަތް ކުރަމުންދާ، ފަލަސްޠީނުގެ މުސްލިމުން މަރަމުންގެންދާ، ފަލަސްޠީނުގެ ރައްޔަތުންގެ ޒައިތޫނި ދަނޑުތަކާއި އަދި މޭވާ ދަނޑު ތައް ފޭރި، އެތަންތަން ކޮށައި އަންދަމުން ގެންދާ، ޒަޔަނިސްޓް ދައުލަތުގެ މީހުން ކަން، މި ރަށްރަށުގެ ރައްޔަތުންނާއި އަދި ކައުންސިލަރުންގެ ސަމާލުކަމަށްޓަކައި ހަނދާންކޮށްދެމެވެ،" ޑރ. މައުރޫފު ވިދާޅުވެފައިވެ އެވެ.
"ދިވެހި އިޒުރޭލުގުޅުން" ތަކާބެހޭ ވަރަށް ގިނަ ވާހަކަތަކާއި ބައެއް އެގްރިމެންޓްތައް މީގެ ކުރިން ވެސް ލީކުރައްވާފައިވާ ޑޮކްޓަރު ވިދާޅުވީ އިޒުރޭލާއި ރާއްޖޭގެ ގުޅުމުގެ ނުރައްކާތެރިކަން ދަތުރުކޮށްފައިވާ ހިސާބު ދާދި ފަހުން “ވިކިލީކްސް” އިން ހާމަ ކުރި ލިއުން ތަކުންވެސް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ.
މިދިޔަ އަހަރުގެ އަހަރުގެ ފަހުކޮޅު ވެސް ޒަޔަނިސްޓް ޔަހޫދީންގެ ލޮލުގެ ޑޮކްޓަރުންތަކެއް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި ރާއްޖެ އައެވެ. އެފަހަރު ވެސް އަދާލަތު ޕާޓީ އާއި މަދަނީ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ. ސަރުކާރުން މާބޮޑަށް އަޅާލާފައި ނުވާ އެ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅުއްވެވި އެއްބޭފުޅަކީ ޑރ. މައުރޫފެވެ.