ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކަށް ކޯލިޝަން ނުހެދެންޏާ ނުހެދޭނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސަބަބުން ކަމަށް ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ޖަރުމަނުވިލާތުގައި ރޭ ބޭއްވި ޖަލަސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ހުށަހެޅުންތައް އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް ކެންޑިޑޭޓެއް ނެރުމަށް ޓަކައި އިބްރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދު ޕާޓީގެ ތެރޭގައި މަސައްކަތް ކުރެއްވި ނަމަވެސް އެ ބޭފުޅުން ހުށަހެޅުންތައް ޕާޓީގެ ގައުމީ މަޖިލީހުން ބޭރުކޮށްލީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީ ތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންވާގޮތަށް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ކޮމެޓީއެއް އެކުލަވާލައި ބައްދަލުވުންތަކެއް ވެސް ބޭއްވިއެވެ. ނަމަވެސް އެ ބައްދަލުވުންތަކުން ވެސް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކަށް ނާދެވުނެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެމްބަރުންތަކެއް އެއް ކެންޑިޑޭޓަކު ނެރުމަށް ބޭނުންވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ، އެމަނިކުފާނަކީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ބޭފުޅެއްކަން އެނގިހުރެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކެމްޕެއިން ކުރައްވަމުންނެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުންނާއި އިދިކޮޅު ޕާޓީތަކުގެ އެއްވެސް މަޝްވަރާއެއް ނެތި ޖަޒީރާ ރައީސްގެ ނަމުގައި ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕެއިނަށް އިދިކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު އެކަނި ބައިވެރިވެ ވަޑައިގެންނެވިއިރު، އެ ޕްރައިމަރީއަށް އިއުލާންކުރި ހިސާބުން އެ ޕާޓީގެ ލީޑާޝިޕުން ވަނީ ނަޝީދަށް ކެމްޕޭން ކުރައްވަން ފައްޓަވާފައެވެ. އެކަމާހުރެ އެޕާޓީގެ އެހެން ބޭފުޅަކަށް ޕްރައިމަރީގައި ބައިވެރިވެރިވުމަށް ކެރިވަޑައިއެއްނުގަތެވެ.

ޖަޒީރާ ރައީސްގެ ނަމުގައި ނަޝީދު އިއުލާން ކުރައްވާފައިވާ ބައެއް ސިޔާސަތުތަކަށް، އިދިކޮޅު ކޯލިޝަންގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މީގެކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ސިޔާސަތުތަކާ ދެކޮޅުކަން ހާމަކުރައްވާފައެވެ.