އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ ބޯޓަކަށް ދިވެހިރާއްޖޭގެ ދިދަ ޖަހާފައިވާ ޓޭންކަރަކުން ކަނޑުމަތީގައި ތެޔޮ ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ދޫކޮށްލައިފިއެވެ.

އެ މައްސަލާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮއްފައިވަނީ ގދ. މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީއެވެ.

އޭނާ ދޫކޮށްލިކަން "ސަން" އަށް ކަށަވަރުވިނަމަވެސް ދޫކޮށްލީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖަޕާނުގެ ޚާރިޖީ ވުޒާރާއިން މިމައުލޫމާތު ހާމަކުރުމާއެކު ދިވެހި ސަރުކާރުން ބުނެފައިވަނީ ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހީންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ދިވެހި ދިދަ ހުރި "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށާއި، އަދި ދިވެހިރާއްޖެއަކީ އުތުރު ކޮރެއާ އާ ގުޅޭ ގަރާރުތައް ވެސް ހިމެނޭ ގޮތަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒު ކުރުމަށް އަބަދުވެސް ޚާއްސަ ސަމާލުކަންދޭ ގައުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.