27 May 2018, 01:49
ރެއާލް މެޑްރިޑުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.
ޔުކުރެއިންގެ ކިއޭވްގައި މިރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލްއިން ލިވަޕޫލް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ރެކޯޑު 13 ފަހަރު ޗެމްޕިއަންސް ލީގު އުފުލާލައިފައިވާ ރެއާލްއަކީ ފަހުގެ ތާރީހުގައި ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލި ހަމައެކަނި ޓީމެވެ.
މިރޭގެ މެޗުގައި ފެނުނު ހަތަރު ގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ. މެޗުގައި ރެއާލްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލްގައި ލިވަޕޫލްގެ ކީޕަރު ލޮރެސް ކަރިއަސްގެ ފަރާތުން ބޮޑު ދެ ގޯސް ފެނިފައިވެއެވެ.

ސަލާހްގެ ކޮނޑަށް އަނިޔާވެ އޭނާ ވަނީ ފުރަތަމަ ހާފްގައި ބަދަލުކޮށްފައި --- ފޮޓޯ/ އޭޕީ
މެޗުގެ 31 ވަނަ މިނެޓުގައި ލިވަޕޫލްގެ ތަރި، މިސްރުގެ ފޯވަޑް މުހައްމަދު ސަލާހަށް އަނިޔާވުމާއެކު އޭނާގެ ބަދަލުގައި އެޑަމް ލަލާނާ ވަނީ ކުޅެން ނުކުމެފައެވެ. އަދި ފުރަތަމަ ހާފްގައި ރެއާލްގެ ޑިފެންޑަރު ޑެނިއަލް ކަވަހާލްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ނަޗޯ ފެނާންޑޭޒްވެސް ވަނީ ކުޅެން ނުކުމެފައެވެ.
މިރޭގެ މެޗުގެ 51 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ ކަރިމް ބެންޒެމާއެވެ. ލިވަޕޫލްގެ ކީޕަރު ކެރިއަސް، އެޓީމުގެ ޑިފެންޑަރަށް އެއްލަން މަސައްކަތް ކުރި ބޯޅައިގައި ފައި ޖައްސާ ބެންޒެމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މަޑުމަޑުން ގޮހެވެ. ބެންޒެމާގެ ގޯލަށް މާ ގިނައިރެއް ނުވެ، ލިވަޕޫލްގެ ސެނެގާލް ފޯވަޑް ސަޑިއޯ މަނޭ ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ނެގި އިރު، އެ ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ގެރެތު ބޭލްއެވެ. މާސެލޯގެ ހުރަހުން ބޭލް ފޮނުވާލި އޯވަހެޑް އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.

ބެންޒެމާގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ބޭލްގެ ދެވަނަ ގޯލާއެކު ރެއާލްއިން ލީޑު ފުޅާކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ އޭރިއާ ބޭރުން އަރިމަތިން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ލިވަޕޫލް ކީޕަރު ކެރިއަސް އަތުގައި ޖެހިފައެވެ.
މެޗުގެ ދެވަނަ ހާފްގައި މާނޭގެ ހަމަލައެއް ގޯލްގެ އަރިމަތީ ދަނޑީގައިވެސް ޖެހިފައިވާ އިރު، ފުރަތަމަ ހާފްގައި ރެއާލްގެ އިސްކޯ ފޮނުވާލި ހަމަލާއެއްވެސް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މެޗުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ހަމަލާއެއް ލިވަޕޫލް ކީޕަރު ކެރިއަސް މަތަކޮށްފައިވާ އިރު، ކޭލޯ ނަވާސް ވެސް ވަނީ ލަލާނާއާއި ރޮބާޓޯ ފިރްމީނޯގެ ހަމަލާތައް މަތަކޮށްފައެވެ.
މިރޭގެ ތަށްޓާއެކު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވެފައިވަނީ ޔޫރަޕްގެ ތިން މުބާރާތެއް ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ.