27 May 2018, 11:10
"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ދެ ރޭމަތިން 500 ވަރަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު "ސަން"އަށް ވިދާޅުވީ ލައިސަންސް ނެގުމަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ޖުމުލަ 6،000 މީހުން ޝައުގުވެރިކަން ފަޅުކޮށްފައިވާ ކަމަށެވެ.
ރަފީއު ވިދާޅުވީ ކުރީ ރޭ 118 ލައިސަންސް ދޫކޮށްފައިވާ ކަމަށާއި އަދި އިއްޔެ އޭގެ ޑަބަލް ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެ ރޭގެ މަތިން ގާތްގަނޑަކަށް 500 ވަރަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.
"ސީދާ މިވަގުތައް ކިހާވަރެއްކަން ދޫ ކުރެވުނީ ދަންނަވަންދަތި. ވަރަށް އަވަހަށް އެ މައުލޫމާތު ހާމަ ކުރާނަން." ރަފީއު ވިދާޅުވި އެވެ.
އެ ޕްރޮގްރާމަށް ލިބެމުންދާ ތަރުހީބަށް ބަލާފައި އެއްލަކިން ލައިސަންސް ޕްރޮގްރާމް މި ރޭ ވެސް ކުރިއަށް ގެންދިޔުމަށް އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުން ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރެ އިން ފެށި އެއްލަކިން ޕްރޮގްރާމަށް 6000 އަށް ވުރެ ގިނަ މީހުން ކިއު ޖެހުނު ކަމަށެވެ. އަދި ކިއު ޖެހުނު މީހުން އިތުރުވުމުގެ ސަބަބުން 500 މީހުންނަށް ކުރީ ރޭ ހިދުމަތް ނުދެވުނު ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ކޮންމެ ރެއަކު ވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދެ އެވެ.
މާލެއަށް ފަހު ހުޅުމާލޭގައި ވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.