27 May 2018, 00:43
މާލެއާއި ހުޅުލެއާ ދެމެދު އަޅާ މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތުގެ ތެރެއިން، ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހަދަން ފަށައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ ކުންފުނިން އެ ބްރިޖާ ގުޅޭ މަގުތައް ހަދަން ފަށާފައިވާ ކަމަށާއި އަމާޒަކީ ޖުލައި 26 އަށް އެ މަގުތަކުގެ މަސައްކަތް ނިންމުން ކަމަށެވެ.
ސީސީސީސީ ކުންފުނިން މިހާރު ހަދަމުންދަނީ ދަރުބާރުގޭގެ ފުރަގަހުން ބޮޑުތަކުރުފާނުު މަގާ ގުޅޭ މަގުތަކެވެ.
ބްރިޖްއާ ގުޅޭ މާލޭގެ މަގުތައް ހަދަން ފެށިއިރު ބްރިޖު މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ކަރަންޓާއި ފެނުގެ ނިޒާމާއި އަދިވެސް އިތުރު ނެޓްވޯކްތަކެއް ގުޅާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.
The construction of road from Male side as part of the CMFB Project, by the bridge contractor, has begun. Will form part of the Male Ring Road once finished. Estimated to complete by 26 July.pic.twitter.com/VXcWpUkVwx
— Dr.Mohamed Muizzu (@MMuizzu)May 26, 2018
އެގޮތުން، ބްރިޖު މެދުވެރިކޮށް އަޅަން ހަމަޖެހިފައިވާ ފެން ހޮޅި ލައިނަކީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަސައްކަތެކެވެ.
ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.