06 Sep 2011, 19:56
ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ 119 ޕެކެޓާކާއެކު އައްޑު އަތޮޅުން ކުޑަކުއްޖަކާއި ދެމީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެއަތޮޅު ހުޅުދީ ގެއެއްގެ ތެރޭގައި ތިއްބާ މިއަދު ހައްޔަރު ކުރީ 18 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި އެއަތޮޅު މަރަދޫ ފޭދޫ ފަރިވިލާ، ހަސަން ސަލީމް 24، އާއި އެ ރަށު ސައިމާ، އަހުމަދު މައުރުފު 26، ކަމަށެވެ. ހުޅުމީދޫގައި ގާއިމުވެ ތިބޭ ފުލުހުން އެމީހުން ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 ޖެހި އިރު އެވެ.
ހައްޔަރު ކުރި މީހުން ތިބި ގެއަށް ކޯޓު އަމުރަކާއެކު ވަދެ ބަލައި ފާސް ކުރި އިރު އެމީހުން ތިބި ކޮޓަރިން މަސްތުވާތަކެތި ކަމަށް ބެލެވޭ 119 ޕެކެޓަކާއި ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. އެއީ ކިހާ ފައިސާއެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ. ނަމަވެސް ބުނެފައި ވަނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގައި ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށެވެ.