އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކްލަބު ވެލެންސިއާއިން މިރޭ ކުޅުނު މެޗުންވެސް ބަލިވެ، އެޓީމަށް ގަދަ ހައެއްގެ އުންމީދު ފަނޑުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާ ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ ނަތީޖާއާއެކު ކުޅުނު 11 މެޗުން 19 ޕޮއިންޓާއެކު ވިކްޓަރީ ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ހަމަ އެ އަދަދަށް ވެލެންސިއާއިން މެޗު ކުޅެފައިވާ އިރު، ވެލެންސިއާ ތާވަލުގެ ފުލުގައި އޮތީ މެޗަކުން މޮޅު ނުވެވި އެއް ޕޮއިންޓާއެކުގައެވެ.

ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ އުންމީދު ވެލެންސިއާއަށް ފަނޑުވެފައިވާ އިރު، އެޓީމަށް ޕްރިމިއާ ލީގަށް ކޮލިފައި ވެވެން އޮތީ ލީގުގައި ބާކީ އޮތް ތިން މެޗުން ކްލަބު ގްރީން ސްޓްރީޓްސް ބަލިވެ، ވެލެންސިއާއިން ގިނަ ގޯލްތަކެއް ޖަހައިގެން ކުރިއަށްއޮތް ތިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިރޭގެ މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެއްވެސް ޓީމަކުން ގޯލަށް އަމާޒުކޮށް، ނުރައްކާތެރި ހަމަލާއެއް އުފެއްދިތަން ފެނިފައެއް ނުވެއެވެ. ދެ ޓީމުންވެސް އެޓޭކިން ކުޅުމެއް ކުޅެން މަސައްކަތް ކޮށްފައިވާ އިރު، މެޗުގެ 30 ވަނަ މިނެޓުގައި ވިކްޓަރީގެ ފުރަތަމަ ހަމަލާއާއެކު އެޓީމުން ވަނީ ލީޑު ނަގައިފައެވެ.

އަހުމަދު ނާޝިދު (ނާއްޓާ) އެ ގޯލް ޖެހީ ހާފްގެ މެދުތެރެއިން ވިކްޓަރީގެ ހަންގޭރީ ފޯވަޑް ސައިމަން ތީބޯ ދިން ތުރޫ ބޯޅައަށް ހުސްކޮށް ވެލެންސިއާގެ އޭރިއާ ތެރެއަށް ވަދެ، ކީޕަރުވެސް ނައްޓާލުމަށްފަހު ހުސް ގޯލަކަށް ބޯޅަ ފޮނުވާލައިގެންނެވެ. ނާއްޓޭގެ ގޯލަށްފަހު އޭގެ ހަތް މިނެޓް ފަހުން ވިކްޓަރީއަށް ވަނީ ނަތީޖާ ފުޅާކުރުމަށް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް އެޓީމުގެ ކުރިއަށް ކުޅޭ އީސްޓް ޓިމޯގެ ފޯވަޑް ޕެޑްރޯ ހެންރިކޭ ބޮލުން ފޮނުވާލި ހަމަލާ މަޑުމަޑުން ދިޔައީ ވެލެންސިއާ ކީޕަރު ޖުން ކޮޗީ އަތަށެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓަރީ --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފްގައި ވެލެންސިއާގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައި ނުވާ އިރު، ހާފް ނިމެންދަނިކޮށް ވިކްޓަރީގެ އާދަމް އިޝާން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ވިކްޓަރީގެ ސައިމަން ގޯލަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑު މަގާމެއްގައެވެ.

މެޗުގެ ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ވިކްޓަރީންނެވެ. ހާފްގެ ކުރީކޮޅުގައި ވިކްޓަރީގެ ފޯވަޑް ޕެޑްރޯ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ޖުން ކޮޗީ ދިފާއުކުރި އިރު، މެޗުގެ 58 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލީޑު ފުޅާކޮށްފައެވެ. ވެލެންސިއާގެ އޭރިއާ ކަނާތް ފަޅިން ވިކްޓަރީގެ އޭންހާލް ކަރެސްކޯ މުނޯޒް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ސައިމަންއެވެ.

މެޗުގެ ދެވަނަ ހާފްގައި ވެލެންސިއާގެ ޔޫސުފު ރަމީޒާއި އަންސަރު އިބްރާހީމް (އަންކޮ)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެނެވެ. އެ ދެ ހަމަލާވެސް ވެލެންސިއާއަށް އެދެވޭ ގޮތުގައި ބޭނުން ހިފިފައެއް ނުވެއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ވިކްޓަރީން އެޓީމުގެ ތިންވަނަ ގޯލް ޖަހައި ލީޑު ފުޅާކުރިއެވެ. ނާއްޓޭގެ ހުރަހަކުން ވިކްޓަރީގެ ތިންވަނަ ގޯލްވެސް ޖެހީ ސައިމަންއެވެ.

ވެލެންސިއާއިން މެޗުގައި ޖެހި ހަމައެކަނި ގޯލް އެޓީމުން ޖެހީ 80 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. ވިކްޓަރީގެ އާރިއާ ތެރެއިން އަހުމަދު ވިސާމް (ޖެރާޑް)، އަންކޮއަށް ކުރި ފައިލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑްރީގާ ސާގީއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓަރީ --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފަހު ދިހަ މިނެޓުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަލާތަކެއް ފެނިފައިވާ އިރު، ވިކްޓަރީގެ އިބްރާހީމް ހަމްދާން (މެސީ)އާއި އަހުމަދު ރަޝީދު (އައްމަޑޭ)އަށް ލިބުނު ހަމަލާތައްވެސް ދިފާއުކުރީ ވެލެންސިއާ ކީޕަރު ޖުން ކޮޗީއެވެ. އަދި މެޗު ނިމެން ދަނިކޮށް ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުމެއް ސާގީ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

މާލޭ ލީގުގެ މެޗެއް މާދަމާ ރޭވެސް އޮންނާނެއެވެ. މާދަމާ ރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސްއެވެ.