ޕޮންމުންޖޮމް(މޭ 26): ދެކޮރެޔާގެ ލީޑަރުން މިއަދު ކުއްލި ގޮތަކަށް ބައްދަލުކުރައްވައިފިއެވެ. ކުރިން އިޢްލާން ކުރުމަކާނުލައި ބޭއްވި މިސަމިޓްގެ ބޭނުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ ސަމިޓަށް މަގުފަހިކުރުންކަމަށް ދެކުނު ކޮރެޔާގެ މީޑިޔާ ބުނެއެވެ.

އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާއި ދެކުނު ކޮރެޔާގެ ރައީސް މޫންޖީ އިން ކުއްލިގޮތަކަށް މިއަދު ބައްދަލުކުރެއްވީ ދެކޮރެޔާގެ ސަރަހައްދީ ރޮނގުގައިވާ ހަތިޔާރު ގެންގުޅުން މަނާސަރަހައްދު ކަމަށްވާ ޕޮންމުންޖޮމްގައި ހުންނަ ޕީސް ހައުސްގައެވެ. ޓްރަމްޕާއި ކިމްގެ ސަމިޓް ބޭއްވޭނެކަމުގެ އުންމީދު ބޮޑުވެގެންދިޔައީ އެސަމިޓް އަލުން ބޭއްވިދާނެކަމަށް ވިދާޅުވެ ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓަށްފަހުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕްވަނީ އުތުރުކޮރެޔާއާއި އެމެރިކާގެ ސިޔާސީ މަސްރަހު މިހާރުއޮތްގޮތުން އެސަމިޓް ނުބޭއްވޭނެކަމަށް ނިންމައި ސަމިޓް ކެންސަލްވިކަން އިޢުލާންކުރައްވައިފައެވެ. ނަމަވެސް މަސްރަހު އެގޮތަށް އޮއްވައި އަނެއްކާ ސަމިޓް ބޭއްވޭނެކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވީވެސް ހަމަ ޓްރަމްޕެވެ. މިހާ ކުރުނޯޓިސްގައި ޓްރަމްޕް ބޮޑެތިކަންކަން ބަދަލުކުރައްވައި އެފުށްމިފުށަށް ޖައްސަވަމުން ގެންދަވާތީ އެމެރިކާގެ އިތުބާރާއި ޔަގީންކަމާމެދުވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އަދި ގިނަ ބަޔަކު ގެންދަނީ މީޑިޔާގައި އެމެރިކާއަށް ޖޯކު ޖަހަމުންނެވެ.

ދެކުނު ކޮރެޔާގެ ރައީސް މޫންޖީ އިން އަކީ ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓަށް މަގުފަހިކުރެއްވުމުގެ މަސައްކަތް ކުރިންވެސް ކުރެއްވި ލީޑަރެވެ. ނަމަވެސް ޓަރްމްޕް މިދިޔަ ބުރާސްފަތި ދުވަހު ސަމިޓް ކެންސަލްކުރީ ދެކުނު ކޮރެޔާގެ ރައީސާ މަޝްވަރާނުކުރައްވައި ކަމަށް ޚަބަރުތައް ބުނެއެވެ.

އުތުރުކޮރެޔާއިންވަނީ އެމެރިކާއިން ލީބިޔާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށްފަހު ލީބިޔާގެ ވެރިކަމުގެ ނިޒާމުވައްޓާލި މަކަރުވެރި ގޮތުގެ މިސާލު އުތުރުކޮރެޔާއަށް ނުޖެހުމަށް އެމެރިކާއަށް އިންޒާރުކޮށްފައެވެ. މި މިސާލު އުތުރުކޮރެޔާއަށް ޖެހީ ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި ދެބޭފުޅުންކަމަށްވާ ނައިބު ރައީސް މައިކް ޕެންސް އާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންއެވެ.

ބޯލްޓަންއަކީ އިރާގުން ފަނާކުރަނިވި ހަތިޔާރު ނައްތާލުމަށްފަހު އިރާގަށް އަރައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެގައުމުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ޖާސޫސީ ދޮގު ރިޕޯޓްތަކެއް ތައްޔާރުކުރުމަށް ސީއައިއޭއަށް އެންގިކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އަމިއްލައަށް އިއުތިރާފްވެ ވަޑައިގެންފައިވާ ނުރައްކާތެރި ބޭފުޅެވެ.

އެދުވަސްވަރު ބޯލްޓަން ހުންނެވީ އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރުކަމުގެ މަގާމުގައެވެ. ބޯލްޓަން ގެންދަވަނީ އޭނާގެ ބާރާއި ނުފޫޒު ވައިޓް ހައުސްގައިވެސް ފެތުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސަކީ އިވެންޖެލިކަލް (އިންޖީލީ) ދީނީ ފިކުރަށްގޮސް ހުސްވެފައިވާ ބޯދާ ވިސްނުމުގެ ބޭފުޅެވެ.

ދެކޮރެޔާގެ ދެވަނަ ސަމިޓާބެހޭގޮތުން ދެކުނު ކޮރެޔާގެ ރިޔާސީ ގަނޑުވަރު ބްލޫހައުސްގެ ތަރްޖަމާން ޔުންގްޔުންގް ޗާން ވިދާޅުވީ އެމެރިކާއާއި އުތުރުކޮރެޔާގެ ސަމިޓަށް މަގުފަހިކުރުމާއި ދެކޮރެޔާގެ ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީފެންވަރުގެ ފަންނީ ވާހަކަތައް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަކީ މިއަދު ބޭއްވި ސަމިޓްގެ މައިގަނޑު ބޭނުންކަމުގައެވެ. ދެކޮރެޔާގެ ގުޅުމަށް ދާދިފަހުން ނުތަނަވަސްކަން އައީ ދެކުނުކޮރެޔާއިން އެމެރިކާއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބޭއްވި މައްސަލައިގައެވެ.

އުތުރުކޮރެޔާއިން އެގައުމުގެ ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކުރާ ސަރަހައްދު ބުރާސްފަތި ދުވަހު ރޫޅާލާފައިވާތީ ދެކުނު ކޮރެޔާގެ ރައީސް މޫންޖީ އިން އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އަށް ސަމިޓްގައި ޝުކުރު އަދާ ކުރެއްވި ކަމަށް ބްލޫހައުސް އިން ބުނެއެވެ. (ނޫސްއެޖެންސީތައް)