ޓުގެދާ އޭޒް ވަން ދިރާގު 3x3 ބާސެކްޓް މުބާރާތުގެ ދެވަނަ އެޑިޝަން ނިންމާލީ އެތައް ކުޅުންތެރިންގެ ހުނަރުތަކަކާ އެކުގައެވެ. ހާއްސަކޮށް ވާދަވެރި މެޗުތަކަކާ އެކު ބާސްކެޓްގެ ބޮޑު އީދެއް ގެނުވައިފައެވެ.

ޒުވާނުންގެ މަރުކަޒުގެ ޕާކްގައި ކުރިއަށް ދިޔަ މުބާރާތް ފެނިގެން ދިޔައީ ހިތްގައިމު އެކުވެރި މާހައުލެއްގައި ކުރިއަށްދިޔަ ތަނެވެ. ގިނަ އަދަދެއްގެ ބެލުންތެރީން މެޗުތައް ބަލަން ދިޔަ އިރު، މުބާރާތުގެ އިންތިޒާމްތައް ފުރިހަމައެވެ.

މި އަހަރުގެ މުބާރަތުގެ ވެސް "ރަހަ ތަފާތު" ކޮށްލީ ތަފާތު ޗެލެންޖުތަކުންނެވެ. އެގޮތުންޗޮކެއް ޗެލެންޖު،ސީގިއާ ތިން ޕޮއިންޓް ޗެލެންޖާއި ޝްވެކް ކްރައުޑް ޗެލެންޖުންމިފަހަރު ވެސް މުބާރާތް އިތުރަށް ފޯރި ގަދަކޮށްލިއެވެ. ޖުމްލަ 34 ޓީމު ވާދަކުރި މުބާރަތުގައި ކުރިއަށް ދިޔައީހަ ޑިވިޝަނެކެވެ. އެ ހުރިހާ ޑިވިޝަނެއްގެ ވެސް ފައިނަލް ކުޅުނީ މުބާރާތުގެ 'ފައިނަލް ނައިޓް'ގައެވެ.

ފިރިހެން ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ ޓުގެދާ އޭސް ވަން

މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވިޒާޑްސް އެވެ. ވިޒާޑްސްއިން ފައިނަލްގައި ވާދަކުރީ އޯޓީއެސްއާއެވެ. އެ އުމުރު ފުރާގެ އަންހެން ޗެމްޕިއަންކަން ސްޕްރޮކެޓްސް އިން ހޯދީ ފައިނަލްގައި ޒީޓާ ބަލިކޮށްގެންނެވެ. ފިރިހެން 21 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ އޯލް ސްޓާސްއެވެ. އަންހެން ޗެމްޕިއަނުންނަކީ ރާވެންސް އެވެ.

ފިރިހެން ސީނިއާ ފައިނަލް މެޗު ފެނިގެންދިޔައީ ފޯރި ގަދަކޮށެވެ. ބުރަދާ ހޫޑް ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ވާދަކުރި މެޗު ކާމިޔާބުކުރީ ކުޑަހެންވޭރު ޔުނައިޓެޑެވެ. އަންހެން ސީނިއާ ޗެމްޕިއަންކަން ޓީމު ނުރައްކާ ހޯދީ ފައިނަލްގައި އެވެންޖާސް ބަލިކޮށްގެންނެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓުގެދާ އޭސް ވަން

މުބާރާތުގެ 16 އަހަރުން ދަށާއި 21 އަަހަރުން ދަށުގެ ޑިވިޝަންތަކުގެ ވެސް އެންމެ އުންމީދީ ކުޅުންތެރިން ހޮވާފައިވެ އެވެ. އެގޮތުން 16 އަހަރުން ދަށުގެ ފިރިހެން އެންމެ އުންމީދީ ކުޅުންތެރިޔަކަށް އަނޫފް ހޮވުނު އިރު، އެ އުމުރުފުރާގެ އަންހެން ޑިވިޝަން އެންމެ އުންމީދީ ކުޅުންތެރިޔަކީ އަމްރާ އެވެ. އެކާވީސް އަހަރުން ދަށުގެ އަންހެން އެންމެ އުންމީދީ ކުޅުންތެރިޔަކަށް އިޔާދާ ހޮވުނު އިރު، ފިރިހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ޒިޔާއު އެވެ.

ސީގިޔާ ތްރީ ޕޮއިންޓް ޗެލެންޖް ކާމިޔާބުކޮށް، ސީގިޔާގެ ހާއްސަ އިނާމު ގެންދިޔައީ ޒައިދެވެ. މުބާރާތުގެ "ފައިނަލް ނައިޓް"އަށް ފަހު ހުރިހާ އިނާމުތަކަކާއި ޓްރޯފީތަކެއް ދީފައި ވަނީ ނިންމުމުގެ ރަސްމިއްޔާތުގައެވެ. ކުޅުންތެރިންނާ ޓްރޮފީ އަދި މެޑަލް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިންނެވެ.

ފައިނަލް މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ޓުގެދާ އޭސް ވަން

ޒުވާން ޓީމެއް - އަންނަ އަހަރު ވެސް މުބާރާތް އޮންނާނެ

ޓުގެދާ އޭސް ވަން އުފެދިގެންއައީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބާސްކެޓް މުބާރާތް ކަމަށްވާ ސާބާ މުބާރަތުގެ ތެރެއިންނެވެ. "ޓުގެދާ އޭސް ވަން"އަކީ ރާއްޖޭގެ ޓީމަށް ސަޕޯޓް ކުރުމަށް އެންމެ ވަރުގަދައަށް އިސްނެގި ސަޕޯޓަރުންގެ ހާއްސަ "ސްލޮގަން"އެވެ. އެހިސާބުން ފެށިގެން ބާސްކެޓަށް ތައާރަފްވެ ޖެހިޖެހިގެން ދެ އަހަރު ކާމިޔާބުކޮށް 3x3ގެ ދެ މުބާރާތް ބާއްވާ ނިންމާލި "ޓުގެދާ އޭސް ވަން"ގެ ޓީމަކީ ފިސާރި ކެރޭ ތިން ޒުވާނުންނެވެ. ހީވާގި ކަމާ އެކު ފުރިހަމަ މުބާރާތެއް އިންތިޒާމް ކުރި "ޓުގެދާ އޭސް ވަން"ގެ އުންމީދަކީ އަންނަ އަހަރު ވެސް މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމެވެ. ތަފާތުތަކަކާ ވެސް އެކުގައެވެ.

"ޓުގެދާ އޭސް ވަންގެ ފަރާތުން ފުރަތަމަ ވެސް ޝުކުރު އަދާކުރާނީ މެއިން ސްޕޮންސާ ދިރާގަށް. އެއަށް ފަހު ކޯ ސްޕޮންސަރުން ކަމަށްވާ ސީގިއާ އަދި ސްވެކް ސިނަމާއަށް ވެސް ޝުކުރު އަދާކުރަން. ހަމަ އެގޮތަށް އޮފިޝަލް ފޮޓޯގްރަފާ ޖައި ކެޕްޗާސް، ވަރަށް ތަފާތު ފޮޓޯތަކަކަށް ...ސައުންޑް އެންޑް ލައިޓް ޕާޓްނާ ޕްރޮލެކްސް. މީޑިއާ ޕާޓްނަރު ސަންގެ އިތުރުން ސްޕޯޓްސް ޕާޓްނާ ބޯލާސް އެކަޑެމީ އަދި ފޫޑް އެންޑް ބެވަރޭޖް ޕާޓްނާ އަކާލާ ރެސްޓޯރަންޓްގެ ނަން ވެސް ފާހަގަކޮށްލަން. ހުރިހާ ޕާޓްނަރުންނާ އެކު މިކަން ކާމިޔާބުވީ،" ޓުގެދާ އޭސް ވަންގެ ފައުންޑަރެއް ކަމަށްވާ ހުސައިން ޝިމާން ވިދާޅުވި އެވެ.

ޝިމާން އިތުރަށް ވިދާޅުވީ އެމްބީއޭގެ އިތުރުން ޔޫތު އެންޑް ސްޕޯޓްސްގެ އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި މުބާރާތުގައި ބައިވެރިވެ ކާމިޔާބީތައް ހޯދި ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.

ޝިމާން ވިދާޅުވީ މުބާރާތަށް 16 އަަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމުތަކުގެ ބެލެނިވެރިންގެ ފަރާތުން އަބަދު ވެސް ލިބޭ ސަޕޯޓަކީ ލިބޭ ހިތްވަރެއް ކަމަށާއި އަންނަ އަހަރު ވެސް މުބާރާތް މިއަހަރަށް ވުރެ ފޯރިގަދަކޮށް ގެންދިޔުމަށް ބެލެނިވެރިންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ޓީމު "ޓުގެދާ އޭސް ވަން" --- ފޮޓޯ/ ޓުގެދާ އޭސް ވަން

ޝިމާންގެ އިތުރުން ޓުގެދާ އޭސް ވަންގެ ޓީމުގައި ހިމެނެނީ އަނެއް ދެ ފައުންޑަރުން ކަމަށްވާ ގުރައިޝް އަފްރާހާއި އަހުމަދު މުއާވިން ލަތީފެވެ. މިއަހަރުގެ ރަމަޟާން މަހަށް މި ޓީމުން އިންތިޒާމް ކުރާ މުބާރާތަކީ ހަމައެކަނި ދިރާގު 3x3 އެއް ނޫނެވެ. ޓުގެދާ އޭސް ވަންއިން އިންތިޒާމް ކުރާ ވުލްވްސް ބީސީގެ 5 އޮން 5 ބާސްކެޓް މުބާރާތް މިހާރު ކުރިއަށްދާ އިރު، ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބީޗު ހޭންޑްބޯލް މުބާރާތް، އޮރީޒް ބީޗު ހޭންޑްބޯލް މުބާރާތް ވެސް އޯގަނައިޒް ކުރާނެ ޓީމަކީ ހަމަ ޓުގެދާ އޭސް ވަންގެ ޒުވާން ޓީމެވެ. ހޭންޑްބޯލް މުބާރާތް ވެސް އިއްޔެ ފެށިގެން ކުރިއަށްދެއެވެ. މި ދެމުބާރާތް މާލޭގެ ދެ ސަރަހައްދެއްގައި އެއްފަހަރާ ކުރިއަށް ގެންދިއުމަކީ މި ޒުވާން ޓީމުގެ ކުޅަދާނަކަމެވެ.