06 Sep 2011, 21:15
ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ހާހަކަށް ވުރެ ގިނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައަށް ވުރެ ގިނަ ޕަސަންޓް މީހުންނަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށްވީ ނަމަވެސް އޭގެ ތެރެއިން 93 ޕަސަންޓް މީހުންނަށް ޑްރަގް ރީހެބިލިޓޭޝަންގެ ފުރުސަތު ޖަލުން ނުލިބޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޖަލުތަކުގެ ހާލަތު ބަލައި، ކުށްވެރިން އަނބުރާ މުޖުތަމައުއަށް ނެރުމާ ގުޅޭ ގޮތުން ސަރުކާރާއި ޔޫއެންޑީޕީން އިސްނަގައިގެން ކުރިއަށްގެންދިޔަ ދިރާސާއަކަށް ފަހު އިއްޔެ ވަނީ "ޕްރިސަން އެސެސްމެންޓް އެންޑް ރީހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން އޮފް އޮފެންޑާސް" ނަމުގައި ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓް އެކުލަވާލާފައިވަނީ މާފުށި ޖަލާއި، މާލެ ޖަލާއި މާލެ ރިމާންޑްގެ އިތުރުން އައްސޭރި ޖަލު އަދި ދޫނިދޫ ޖަލުގައި ]މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް[ ހުކުމް ތަންޒީފުކުރަމުންދާ 1011 ގައިދީންގެ ތެރެއިން 60 ޕަސަންޓް ގައިދީންގެ މެދުގައި ސާވޭ ކުރުމަށްފަހު އެވެ.
ރިޕޯޓުގައިވާ ގޮތުން ގައިދީންގެ ތެރެއިން 66 ޕަސަންޓް މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ގެންގުޅުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ވީ ނަމަވެސް، އެ ފަރާތްތަކަށް އެކަށީގެންވާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ނުހިންގެ އެވެ. ސާވޭއަށް މައުލޫމާތު ދިން 93 ޕަސަންޓް ގައިދީން ވަނީ ޖަލުތަކުގައި ރީހެބިލިޓޭޝަން ޕްރޮގްރާމެއް ނުހިންގާ ކަމަށް ބުނެފަ އެވެ. އަދި 28 ޕަސަންޓް މީހުން ޖަލުގައި މަސްތުވާކަތި ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ.
އަދި އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ނުލިބޭ ކަމަށް ވެސް 93 ޕަސަންޓް މީހުން ބުނެފައިވާ ކަމަށާއި ބޭސްފަރުވާއަށް ދުވާލަކު އެވްރެޖްކޮށް 10 ގައިދީއަކު މާލެ ގެންނަން ޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް މާލެ ގެންނަން ގައިދީން މަސްތުވާކެތި އަނބުރާ ޖަލަށް ގެންދާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ގައިދީންގެ ބޭނުންވާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ ކޮބައިތޯ ސުވާލުކުރުމުން 80 ޕަސަންޓަށްވުރެ ގިނަ މީހުން އެދިފައިވަނީ ދީނީ ތައުލީމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ކައުންސިލިން އާއި ޑްރަގް ޓްރީޓްމަންޓަށް އެދިފައިވާއިރު އެއް ބަޔަކު އޯ ލެވެލް އަދި އޭ ލެވެލް ހެދުމުގެ ފުރުސަތަށް އެދިފައިވެ އެވެ.
އެހެންކަމުން، އެފަދަ ކުށްވެރިން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ޖަލުތަކުގައި ހިންގުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް، އެ ޕްރޮގްރާމްތަކެއް ދެމެހެއްޓެވި ގޮތެއްގައި ހިންގުމަށް މިވަގުތު ބަޖެޓާއި އަދި ކެޕޭސިޓީވެސް ނެތް ކަމަށާއި އެއީ ކަމާބެހޭ އިދާރާތަކުން އިސްލާހުކުރަން ޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުގައި ވަރަށް ޅަ އުމުރުމުގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކުދިން ޖަލަށްލާ، އެކަށީގެންވާ ރީހެބިލިޓޭޝަން ފުރުސަތެއް ނުލިބުމުން އެކުދިންގެ މުސްތަބުލަށް ހުރަސްއެޅިގެންގޮސްފައިވެ އެވެ. އެހެންކަމުން، ކުދި ކުށްތަކަށް ބޮޑެތި އަދަބުތަކެއް ނުދެވޭ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އަަދި މަސްތުވާތަކެތި ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ނޫން ކަމަށް ކަނޑައަޅައި، އެ ފަރާތްތަކުން ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުން ލާޒިމް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އަދި ގައިދީންގެ ކުށުގެ ރެކޯޑާއި މެޑިކަލް މައުލޫމާތު އެކަށީގެންވާ ވަރަށް އިދާރާތަކުގެ މެދުގައި ނުބެލެހެއްޓުމާއި ޑީޕީއާރްއެސް އިން ގައިދީން މޮނިޓާ ކުރުމަށް އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވާލާފައިނުވާތީ، ގައިދީންނަށް މައާފް ދިނުމާއި ޕެރޯލްގެ ނިންމުންތައް ނިންމުމުގައި ހަމަހަމަ އުސޫލުތަކެއް ނުގެންގުޅޭވޭ ކަމަށްވެސް ރިޕޯޓުގައި ބުނެ އެވެ.
އެހެންކަމުން، ގައިދީންގެ ފުރިހަމަ ޑޭޓާބޭސް އެއް އިދާރާތަކުގެ މެދުގައި ގާއިމްކުރަން ގޮވާލާފައިވެ އެވެ.