29 May 2010, 14:54
19:00
އެޑިއުކޭޝަން މިނިސްޓަރ އަދި ގައުމީ އިއްތިހާދު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މުސްތަފާ ލުތުފީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ނައިބު ކަމުގައި ހުންނެވި، ހަމަ އެ ޕާޓީގެ މެންބަރު އަހުމަދު އިނާޒް އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ.މުސްތަފާ ލުތުފީ މިއަދު ވިދާޅުވީ، ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ގައުމަށާއި އެމަނިކުފާނަށް މިވަގުތަށް އެންމެ ރަނގަޅުގޮތަކީ އެގޮތަށް ކަންތައްކުރުން ކަމުގައިވާތީ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރެއްވުމަށް ކަމަށާއި، މިހާރު ކަންތައް ދިމާވެފައިއޮތްގޮތުން އެންމެރަނގަޅަށް މަސައްކަތްކުރެވޭނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން ކަމަށެވެ. އަދި އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްޓަކައި ގައުމީ އިއްތިހާދު މެންބަރުންނާ މަޝްވަރާ ކުރެއްވި ކަމަށާއި، ޕާޓީގެ މެންބަރުން އިޝާރާތް ކުރެވީ ވެސް އެގޮތަށް ކަންތައްކުރުމަށް ކަމަށް ވެސް ޑރ.މުސްތަފާ ވިދާޅުވި އެވެ.
ޑރ. މުސްތަފާ އަދި ވިދާޅުވީ، ގައުމީ އިއްތިހާދުޕާޓީން މިހާތަނަށް ވެސް މަސައްކަތް ކޮށްފައި ވަނީ ތެދު ނިޔަތުގައި ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން އެޕާޓީގައި ތިއްބަވައިގެން މަސައްކަތްނުކުރެވޭ ހާލަތަށް އައިސްފައިވާ ކަމަށާއި، ސަރުކާރުގައި ތިއްބަވައިގެން ސަރުކާރަށް ފާޑުވިދާޅުވާ މައްސަލައިގައި ޚިޔާލުތަފާތުވެފައިވާ ކަމަށް ވެސް ޑރ. މުސްތަފާ ވިދާޅުވި އެވެ.
ގައުމީ އިއްތިހާދު ޕާޓީގެ ބައެއް މެންބަރުން އެމްޑީޕީއަށް ސޮއިކުރެއްވިއިރު ނާއިބު ރައީސްގަމުގެ މަގާމުގައި ހުންނެވި، އެޕާޓީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ޑީއާރުޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ ވާހަކަތައް ދަނީ ފެތުރެމުން ނެވެ. ނަމަވެސް ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވަނީ އެވާހަކަތައް ދޮގުކުރައްވައިފައެވެ.