26 May 2018, 15:12
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ނުކުންނަ އިރު، ރެއާލް މެޑްރިޑަކީ ފެވަރިޓުން ނޫން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
މިދިޔަ ދެ އަހަރުވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި ރެއާލް ވަނީ ޖުމްލަ 12 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ލިވަޕޫލުން ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިރު، އެންމެފަހުން ލިވަޕޫލަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލެވުނީ 2005 ވަނަ އަހަރު އިސްތާންބޫލްގައި ކުޅުނު ފައިނަލްގައެވެ.
ޖެހިގެން އައި 2006-07 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ލިވަޕޫލް ދަތުރުކުރި އިރު، މިދިޔަ 10 ވަރަކަށް އަހަރަކީ ލިވަޕޫލަށް ޔޫރަޕްގައި ދަށް އަހަރުތަކެކެވެ. މިރޭގެ ފައިނަލަށް ލިވަޕޫލާއި ރެއާލް ނުކުންނަ އިރު، އެދެޓީމު މީގެ ކުރިން ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ކުޅެފައި ވަނީ 1981 ވަނަ އަހަރުގައެވެ. އެ ފައިނަލް ކާމިޔާބުކުރީ ލިވަޕޫލެވެ.
މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލްއަކީ ފެވަރިޓުން ނޫން ކަމަށާއި ކޮންމެ ފައިނަލަކީވެސް "ފިފްޓީ ފިފްޓީ"ގެ ފައިނަލެއް ކަމަށެވެ.
"މީހުން ދައްކާނެ ވަރަށް ގިނަ ވާހަކަ. އެކަމަކު ރެއާލްއަށް އިނގޭނެ މިރޭގެ ފައިނަލަކީ ފިފްޓީ ފިފްޓީ ފައިނަލެއް ކަން. އެއްވެސް ކުޅުންތެރިއަކަށް އިހުސާސެއްވެސް ނުވާނެ ރެއާލްއަކީ ފެވަރިޓުން ކަމަކަށް،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ފައިނަލެއްގެ ކުރިން ކޯޗަށް ކުރިމަތިވާނެ އެންމެ އުނދަގޫ ކަމަކީ މެޗަށް ނެރޭނެ ފުރަތަމަ 11އެއް ކަނޑައެޅުން ކަމަށާއި، ފައިނަލަށް ނެރޭ 11ގައި ނުހިމެނޭ ކުޅުންތެރިންގެ މާޔޫސްކަން އޭނާއަށް އިހުސާސް ކުރެވޭ ކަމަށެވެ.
"ކޮންމެ ކޯޗަކަށްވެސް އުނދަގޫވާނެ ފައިނަލް މެޗަކަށް ނެރޭނެ 11 ކުޅުންތެރިން ކަނޑައަޅަން. އެކަމަކު ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންވެސް މެޗު ފެށުމާއެކު އެއީ އެކައްޗެއް. ބޭރުގައި ބަލަން ތިބޭ ކުޅުންތެރިންވެސް ޓީމާއެކު ތިބެން ޖެހޭނީ،" ޒިދާން ބުންޏެވެ.
ފަހުގެ ތާރީހުގައި ރެއާލް ފިޔަވާ އެހެން ޓީމަކަށް ޖެހިޖެހިގެން ދެ ސީޒަނެއްގައި ޗެމްޕިއަންސް ލީގު ތަށި ނެގިފައި ނުވާ އިރު، ޖެހިޖެހިގެން ތިން ފަހަރަށް މީގެ ކުރިން ޔޫރަޕްގެ ތަށްޓެއް ނަގައިފައި ވަނީ 1970ގެ އަހަރު ތަކުގައި ނެދަލޭންޑްސްގެ އަޔެކްސްގެ އިތުރުން ބަޔާން މިއުނިކެވެ. އަދި 1950ގެ އަހަރުތަކުގައި ރެއާލްވެސް ވަނީ ޖެހިޖެހިގެން ފަސް ފަހަރު ޗެމްޕިއަންސް ލީގު ނަގައިފައެވެ.
ލިވަޕޫލާއި ރެއާލް ވާދަކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ ރާއްޖެ ގަޑިން 11:45ގައެވެ.