26 May 2018, 13:12
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓު ތިން ވަނަ ފަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
މީގެ ކުރިން ވެސް ދެ ފަހަރަކު އަލީ ނަޒީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ކްރިމިނަލް ކޯޓުން އޭނަގެ ޕާސްޕޯޓް ހިފެެހެއްޓި ސަބަބެއް ކަމަށް ބުނެފައި ވަނީ ފުލުހުން ތަހްގީގް ކުރަމުން އަންނަ މައްސަލައެއްގެ ތަހްގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވާތީ ކަމަށެވެ. އަދި އޭނާ ފިލައިގެން ރާއްޖެ އިން ބޭރަށް ހިނގައިދާނެ ކަމުގެ އިންޓަލިޖެންސް ރިޕޯޓް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި ބުނެފަ އެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު މީގެ ކުރީން އޭނާ ވަނީ ތަކުރާރުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ތުހުމަތުކުރެވޭ މައްސަލައިގެ ބަޔާން ނަގައިފަ އެވެ. އޭނާ އޭރު ފުލުސް އޮފީހަށް ހާޒިރު ކުރީ ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް މީހުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.