ރޯދަ މަހުގެ ފުރަތަމަ ދިހައެއް ނިމުނީއެވެ. ދެވަނަ ދިހައެއް ފެށިގެން މިއަދު މިއީ ފުރަތަމަ ދުވަހެވެ. ރޯދަ މަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހިންނަށް ޚާއްސަ މަހެކެވެ. އަޅުކަމުގެ މައްސަރެއްގެ އިތުރުން މިއީީ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކޮށް އަޖުމަ ބަލާލުމަށް އޮތް ފުރުސަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮންމެ ދުވަހަކުވެސް ގޭގޭގެ ސުފުރާ ރޯދަ ވީއްލާގަޑިއަށް ފުރާލަނީ އެކި ބާވަތުގެ ކާތަކެތިންނެވެ. ގޭދޮށު އަވައްޓެރިންނާއި ތިމާގެ ގޭގެއިން ތައްޔާރުކުރާ އެކި ބާވަތަތްތައް ރަހަ ބަލާލަން ގެނެސްދީފައިވެސް ހުރެއެވެ. "އިފްތާރު" ގަޑިއަށް ޚާއްސަ އެއްޗެއް ތައްޔާރުކޮށްފިނަމަ ސޯޝަލް މީޑިއާގައި އެ ހިއްސާ ކުރެއެވެ. އާންމުކޮށް ތައްޔާރު ނުކުރާ އެއްޗެއް ނަމަ ރެސިޕީވެސް ހިއްސާ ކުރާ މީހުން މަދެއް ނޫނެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ފޮޓޯތަކާއި، ހެދިކާގެ ވާހަކަތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ "ހަވާދުލީ ބިހެވެ". ރޯދަ މަސް ނޫނަސް، ދިވެހިންގެ ހިތުގައި ހަވާދުލީބިހަށް އޮންނަނީ ފިސާރި ލޯތްބެކެވެ. ފަހަރުގައި އެއީ އޭގެ ބޭރުން ލާފައި އެ އޮންނަ ހަވާދު ގަނޑުގެ މީރުކަމުން ހިތް ދެވިފައި އޮންނަނީ ތޯއްޗެކެވެ. ގައިމުވެސް އެއީ ދިވެހި ވަންތަ، ދިވެހިންނަށް ކަމުދާ އެއްޗެކެވެ.

ސައިގަޑީގައި ހަވާދުލީބިސް ތައްޔާރުކޮށްފައި ---

ޓްވިޓާއަށް އެކަނި ބަލައިލި ނަމަވެސް ހަވާދުލީ ބިހުގެ ވާހަކަ ނުދައްކާ ދުވަހެއް ދާނެއޭ ނުބުނެވޭނެއެވެ. ހަވާދުލީ ބިސް ތައްޔާރުކޮށް، އޭގެ ފޮޓޯ ހިއްސާ ކުރާއިރު، ގެއެއްގައި އެ ތައްޔާރު ކޮށްފި ނަމަ ދައުވަތު ދޭން އެދިފައިވެސް ހުރެއެވެ. ހަވާދުލީ ބިހަކީ ދިވެހިންނަށް އެހާވެސް ޚާއްސަ އެއްޗެކެވެ.

ދެތިިން ރައްޓެހިން ކުރެން އަހާލުމުންވެސް ހަވާދުލީ ބިހަކީ އެއްވަނަ ކަން އެނގިގެން ދިޔައެވެ. ހަވާދުލީ ބިހުގެ "އެސްތެޓިކް" ވާހަކަ އިންގޮސް އެ ކާލާއިރު އެ ލިބޭ ހިތްހަމަޖެހުމުގެ ވާހަކައެވެ. ހަވާދުލީ ބިހަށް އޮތް ލޯތްބެއްގެ ބޮޑުކަމުން "ހަވާދުލީ ބްލިސް"ގެ ނަމުންވެސް އެއަށް މުޚާތަބު ކުރެއެވެ.

ހަވާދުލީ ބިހަކީ ތައްޔާރުކޮށްލަންވެސް ފަސޭހަ އެއްޗެކެވެ. ބިސް ނޫނީ ގުޅަ ތައްޔާރުކުރަން ބޭނުންވާނީރޮށިފިހަން ބޭނުންކުރާ ކަހަލަ ފުށްގަނޑެކެވެ.ދެން އެއަށް އަޅާނެ ފިލިންގް ނޫނީ މަސްގަނޑު ތައްޔާރުކުރަން ބޭނުންވާނީ،ވަޅޯމަސް ގަނޑެއް، ފިޔާ، އިނގުރު ކޮޅެއް، ލޮނު، ރީނދޫ، ލުނބޯހުތް އަދި މިރުހެވެ.މި ހުރިހާއެއްޗެއް އެއްކޮށް މޮޑެފައި ހެޔޮވަރު ވަރަކަށް ގުޅަ ޖަހާނީއެވެ. ފުށްގަނޑުގައިވެސް ގުޅަޖަހައި، ފިލިންގް އަޅާ ރީތިކޮށް ބައްދާލާނީ އެވެ. ގުޅަތައް ފެނުކައްކާފައި ދެން ހަވާދުލާނީ އެވެ.

ހަވާދުގަނޑު ތައްޔާރުކުރުމަށް،ފިޔާ، ލޮނުމެދު، އިނގުރު، ހިކަނދިފަތް، މިރުސް ރީނދޫ، ކާށިކިރު އަދި ހަވާދު ބޭނުންވާނެއެވެ.

ހަވާދުލީބިސް --- ފޮޓޯ: ސޯޝަލް މީޑިއާ

ފިޔާ މީރުކޮށްފައި ލޮނުމެދު، ހިކަނދިފަތް އިނގުރު އަދި މިރުސް އަޅާ ހަނާކުރާށެވެ. ދެން ރީނދޫ އަދި ހަވާދު އަޅާ ހަނާކޮށްފައި ކިރުފޮދު އަޅާ ކައްކާލާށެވެ. ދެން ބިސްތައް/ގުޅަތައް މީގެ ތެރެއަށް އަޅާ އެއްކުރާށެވެ.

ހަވާދުގެ ބަދަލުގައި ބައެއް މީހުން ޓޮމާޓޯ ޕޭސްޓުވެސް ބޭނުން ކުރެއެވެ.

ތައްޔާރުކޮށްލަން ފަސޭހަ، އަނގައަށް މީރު ހަވާދުލީ ބިހަކީ ދިވެހިންގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ އެއްޗެކެވެ. ހަވާދުލީ ބިހަށް އޮތް ލޯތްބާއެކު ތަފާތު މީމްތައްވެސް ތައްޔާރުކޮށްގެން ސޯޝަލް މީޑިއާގައި ދައުރުކުރެއެވެ.

ރޯދަމަސް ނޫނަސް އާންމު ކޮށްވެސް ހަވީރު ސަޔަށް ހަވާދުލީ ބިސް ގަނެގެން ކާމީހުން މަދެއް ނޫނެވެ. ހަވާދުލީ ބިސް އެންމެ މީރު ކެފޭ ރެސްޓޯރެންޓުތައް ހޯދައިގެން އެތަންތަން ފުރާލައެވެ. ހެދިކާ ވިއްކާ ތަންތަނުންވެސް އެންމެ ގިނައިން ވިކޭ އެއް ބާވަތަކީ ހަވާދުލީ ބިހެވެ.

ހަމަގައިމުވެސް ހަވާދުލީ ބިހަކީ ދިވެހިންގެ ހެދިކާއެވެ. އެ ކާހިތުން އެވާހަކަ ނުދައްކައި ނުތިބެވޭ ހިސާބަށް ދާނީ ހަވާދުލީބަހަށް ބޮޑު ލޯތްބެއް އޮތީމާތާއެވެ. ޑިސްކު ރިހާކުރުޑޭ ފާހަގަ ކުރިގޮތަށް ހަވާދުލީ ބިސް ޑޭ އެއް ފާހަގަ ކުރުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.