ކުރީގެ ރައީސް އަދި ޑީއާރްޕީގެ ކުރީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް، އުފައްދަން މަސައްކަތް ފަށާފައިވާ އާ ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(ގެ ސްޕޯކްސްމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު )މަހޭ( ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ އެ މަގާމަށް މަހުލޫފު ހަމަޖައްސީ ޕީޕީއެމް އުފައްދަން ނިންމައި އެ ޒިންމާތަކާއި އަދާކުރުމާ ހަވާލުވެގެން އޮތް ވަގުތީ ކޮމެޓީން މިއަދު އެވެ.

މައުމޫން ކުރިން އުފެއްދި ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމާއި ޒެޑެފްކެޝަނާއި އޮޕަޒިޝަން ޕާލަމެންޓަރީ ގްރޫޕްގެ ސްޕޯކްސްމަން ކަންވެސް ކުރެއްވެވި މަހުލޫފު ވިދާޅުވީ ޕީޕީއެމް ރަސްމީކޮށް އުފެދުމާ އެ މަސައްކަތުގައި ހިންގަން ޖެހޭ ހުރިހާ ހަރަކާތެއްގެ ވަގުތީ ސްޕޯކްސް ޕާސަންގެ މަގާމު އޭނާ ގަބޫލު ކުރައްވާފައިވާ ކަމަށާއި ޕާޓީ އުފެއްދުމާ ބެހޭ ގޮތުން މީޑިއައަށް ދެން މައުލޫމާތު ދެއްވާނީ އޭނާ ކަމަށެވެ.

ޕީޕީއެމްގެ ނަން އިއުލާން ކޮށް ޕާޓީ ހެދުމުގެ ހުއްދައަށް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާ، އިލެކްޝަންސް ކޮމިޝަންގައި އެދުނީ އިއްޔެ އެވެ.