އެމެރިކާއަށް އުފަން އެ ގައުމުގެ މަޝްހޫރު ރެޕާ އެމިނަމް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް، އެމެރިކަން ރެޕާ ނިކީ މިނާޖް ބުނެފިއެވެ.

ނިކީ މިނާޖް ވަނީ މީގެ ކުރިންވެސް މަޝްހޫރު ގިނަ ރެޕާއިންނާ ލޯބީގެ ގުޅުން ބާއްވައިފައެވެ. އިންސްޓަގްރާމްގައި ނިކީގެ ފޭނަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ އޭނާ އުޅެނީ އެމިނަމް އާ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ.

"އާނ. އަހަރެން އެމިނަމް އާ އެބަ ޑޭޓް ކުރަން،" ނިކީގެ އިސްޓަގްރާމް އެކައުންޓްގައި ބުނެފައިވެއެވެ. ނިކީ އާއި އެމިނަމް ވަނީ ބެލުންތެރިންނަށް ރީތި ގިނަ ލަވަތަކެއް ގެނެސްދީފައެވެ.

އެމިނަމްގެ ލަވައިގެ އާ އަލްބަމެއް މީގެ ހަ މަސް ކުރިން ވަނީ ނެރެފައެވެ. "ރިވައިވަލް" ކިޔާ އަލްބަމް މިދިޔަ ޑިސެމްބަރު މަހު ނެރުއިރު އެ އަލްބަމްގައި ޖުމްލަ 19 ލަވަ ހިމެނެއެވެ. "ރިވައިވަލް" އަކީ 2013 ގައި އެމިނަމް ނެރުނު އޭނާގެ "ދަ މާޝަލް މެދަރޒް އެލްޕީ 2" އަށް ފަހު ނެރޭ ފުރަތަމަ އަލްބަމެވެ. މި އަލްބަމަކީ އޭނާގެ ނުވަ ވަނަ އަލްބަމެވެ.