ސާޅީސް އަށް ހާހަށްވުރެ ގިނަ މާބަނޑު އަންހެނުންނަކީ މަދު އަދަދެއް ނޫނެވެ. އެމީހުންގެ ބަނޑަށް ދުވަސްފުރި، ސިއްހީ ރަނގަޅު ވަސީލަތެއް ނެތް ތަނެއްގައި ވިހަންޖެހުމަކީ ކިހާ ބޮޑު ކަމެއްކަން ތަސައްވަރު ކުރެވޭ ހެއްޔެވެ؟

މި ދައްކަނީ ރޮހިންގާ ދަރިކޮޅުގެ ނިކަމެތި އަންހެނުންގެ ވާހަކައެވެ. އެމީހުންގެ ކުރިމަތީގައި ފިރިމީހާ މަރައި، އަންދާ، ނޫނީ ނޮޅާ ކައި ހެދުމަށްފަހު، އެވަރުން ނުފުދިގެން އެ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެފައިވާ މީހުންގެ ވާހަކައެވެ. މިއީ ލޮލުކުރިމައްޗަށް ސިފަ ކުރެވޭވަރަށްވުރެ ހިތްދަތި ވާހަކަތަކެވެ.

ރޮހިންގާ ދަރިކޮޅުގެ އަންހެނުންތަކެއް ދަރިން ގޮވައިގެން ----

ޔޫއެންއެފްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރޮހިންގާ ދަރިކޮޅުގެ މީހުން އުޅުނު ސަރަހައްދު ދޫކޮށް ބަނގްލަދޭޝްއަށް އެތެރެވުމަށް ކުރި މަސައްކަތުގައި 13000 އަށް ވުރެ ގިނަ އަންހެނުންނަށް ވަނީ ޖިންސީ ގޯނާ ކުރިމަރިވެފައެވެ. އެމީހުންގެ އެއްވެސް ބާރެއް ނުދެއްކި ރޭޕްގެ ޝިކާރައަކަށް ވަނީ ވެފައެވެ.

ބަނގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޮކްޓާސް ވިތްއައުޓް ބޯޑާސްއިން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގުރޫޕުން ލަފާކޮށްފައިވާގޮތުގައި މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ރޮހިންގާ ދަރިކޮޅުގެ އެތައް ހާސް އަންހެނުންނެއް ވިހާނެއެވެ. މީގެ ތެރޭގައި ގިނައީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

މަދީނާ ޚާތޫން އަކީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. އޭނާ ކިޔައިދިިން ގޮތުގައި ރޮހިންގާ މީހުން އުޅުނު ސަރަހައްދު ދޫކޮށް ބަނގްލަދޭޝަށް އައިފަހުން، އޭނާގެ ބަނޑުގައި ފުރާނައެއް އަށަގަންނަމުންދާކަން އިހުސާސްވިއެވެ. އޭނާގެ ފިރިމީހާ މަރާލީ އޭނާގެ ކުރިމަތީގައެވެ. އަދި މިޔަންމާގެ ސިފައިން އޭނާ ރޭޕްކުރީއެވެ.

މަދީނާ ވަނީ މިއަހަރު ވިހައިފައެވެ. އެއްވެސް ސިއްހީ އެހީތެރިއަކާ ނުލައެވެ. އާއިލާގެ މެންބަރެއްވެސް ނެތެވެ.

"އެއީ ވަރަށް ހިތްދަތިވި އަދި ލަދުގަތް ދުވަހެއް،" މަދީނާ ބުނެފައިވެއެވެ.

ރޮހިންގާ ދަރިކޮޅުގެ އަންހެނެއް ---

އެއީ ހަމަ އެންމެ މީހެއްގެ ވާހަކައެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ތެރޭގައި ރޮހިންގާ މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕުތަކުގައި 50،000 އަށް ވުރެ ގިނަ އަންހެނުން ވިހާނެއެވެ. މިއީ ހަމައެކަނި ލަފާކޮށްލާފައިވާ އަދަދެކެވެ. މިއަށްވުރެ ގިނަ އަންހެނުން ރޭޕްގެ ޝިކާރައަށްވެ، ބަނޑުބޮޑުވެ، ވިހާފައި އެބަތިއްބެވެ.

ރޮހިންގާ މީހުން، އެމީހުން ދިރިއުޅޭ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ދަތިހާލުގައި، އެމީހުންނަށް ލިބޭނެ ކުދިން ބެލޭނެ އެއްވެސް ގޮތެއް ނެތެވެ. ގިނަ މީހުން އެމީހުންނަށް ލިބޭ ދަރިން، ދަރިން ނުލިބޭ މީީހުންނަށް ހަދިޔާ ކުރެއެވެ. ބައެއް ކުދިން މަގުތައް މައްޗަށް ދޫކޮށްލާފައި ތިއްބާ ފެނެއެވެ.

ރޮހިންގާ މީހުންނަށް ހިޔާވަހިކަމެއް ފޯރުކޮށްދިން، ބަނގްލަދޭޝް ސަރުކާރުގެ އެހީ، މި އަންހެނުންނަށްވެސް ބޭނުންވެއެވެ. ސޭވް ދަ ޗިލްޑްރަން ކިޔާ ޖަމްއިއްޔާ އަކުން ވަނީ އެކަން ފާހަގަކޮށްފައެވެ. އެ އެހީތެރިކަން ފޯރުކޮށްނުދީފިނަމަ ވިހެއުމުގެތެރޭގައި އަދި ވިހެއުމަށްފަހު ވެސް އެކި ސިއްހީ މައްސަލަތަކުގައި މަރުވާ އަންހެނުންނާ ކުދިންގެ އަދަދު އިތުރުވެގެންދާނެއެވެ.

އދ. ގެ ރެފިއުޖީ އެޖެންސީގެ ސްޕޯކްސްވުމަން ކެލޮރީން ކްލަކް ވިދާޅުވީ ރޭޕުގެ ޝިކާރައަކަށް ވެފައިތިބޭ އަންހެނުން ގޮތް ހުސްވެފައިވާ ކަމަށެވެ.

"އެމީހުންގެ މުސްތަގުބަލު އެއްކޮށް ބަނަވީ. އަދި ކައިވެންޏެއް ނުކޮށް ހުއްޓައި، ރޭޕްގެ ޝިކާރައަކަށްވެ، ބަނޑުބޮޑުވުން މުޖުތަމައުން ބަލައެއް ނުގަނޭ. ދެކެނީ ބޭކާރު، ބޭނުމެއް ނެތް މުޑުދާރު "އެއްޗެއްގެ" ގޮތުގައި،"

މިއާއެކު އާއިލާތަކުން ކުރާ ކަމަކީ ޅަ އުމުރުގައި ކުދިންގެ ކައިވެނި ކުރުވުމެވެ.

ރޮހިންގާ ރެފިއުޖީން އުޅޭ ކޭމްޕުތަކުގައި ފުރާވަރު އުމުރުގެ ކުދިން ރޭޕުގެ ޝިކާރައަކަށްވެ ބަނޑުބޮޑުކަން އެނގޭ ހިސާބުން އެ ކުދިންގެ އާއިލާ އިން މަސައްކަތް ފަށަނީ އެ ކުއްޖާގެ ކައިވެނި ކުރުވުމަށެވެ. ބަދުނާމަކުން ސަލާމަތްވުމަށާއި އާއިލާގެ ކަރާމާތް ރައްކާތެރި ކުރުމަށް އަޅާ މި ފިޔަވަޅުގެ ސަބަބުން ގެއްލިގެން ދަނީ ކިތައް ކުދިންގެ މުސްތަގުބަލުތޯ، މިއީ ޔުނިސެފް ފަދަ ޖަމްއިއްޔާ ތަކުންވެސް ކަނބޮޑުވުމާއެކު އުފައްދާ ސުވާލެކެވެ.

"އެމީހުންނަށް ބޭނުންވޭ ނަފްސާނީ އެހީވެސް،" ޑޮކްޓާސް ވިތްއައުޓް ބޯޑާސްގެ ސަިއކޮލަޖިސްޓަކު ވިދާޅުވިއެވެ.

ރޮހިންގާ ކޮމިއުނިޓީ ލީޑަރު އަބްދުއްރަހީމް ބުނިގޮތުގައި، ރޮހިންގާ ދަރިކޮޅުގެ އަންހެނުން ރޭޕްކުރީ މިޔަންމާގެ ރަހުމެއް ނެތް ސިފައިންނެވެ.

"އެމީހުން [މިޔަންމާ ސިފައިން] ގެ އަނިޔާވެރިކަމުގެ ނިޝާނެއް އެއީ،"