ތ. ގުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން އެ ރަށަށް 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފެނަކަ ކޯޕަރޭޝަނުން މިއަދު ފޯރުކޮށްދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ "މިހާރު ކުރިއަށްދަނީ އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށާއި ރޭވިފައިވާ ގޮތަށް މަސައްކަތް ދާނަމަ ކުރިއަށްއޮތް 24 ގަޑިއިރު ތެރޭ މި ޖަނަރޭޓަރު އިންސްޓޯލް ކުރެވި ޓެސްޓް ކުރެވި މި ޖެނަރޭޓަރުން ހިދުމަތް ދެވޭނެ" ކަމަށެވެ.

ތ. ގުރައިދޫގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ފެނަކައިން ބުނީ މީގެ ހަ ދުވަސްކުރިން ދ. މީދުއަށް 240 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މިދިޔަ މަހު ނ. ލަންދުއަށް ވެސް 250 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށެވެ. އަދި ލ. ގަމާއި ޅ. އޮޅުވެލިފުއްޓަށް ވެސް ދެ ޖަނަރޭޓަރު ގެންގޮސްފައިވާ ކަމަށެވެ.