25 May 2018, 22:49
މާލެއަށް ފެން ފޯރުކޮށްދޭ ފެން ހޮޅިތަކަކަށް ގެންލުންވެ، ބައެއް ސަރަހައްދުތަކުން ފެން ކެނޑިއްޖެއެވެ.
މާލެއަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނީ "މާލޭ ރިންގް ރޯޑް" މަސައްކަތް ކުރަމުންދާ ފަރާތުން މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެން ފޯރުކޮށްދޭ ހޮޅިއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އޭގެ ސަބަބުން މިރޭގެ 9:30 އިން ފެށިގެން މާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ 25 ނަންބަރު ބްލޮކާއި 54 ނަންބަރު ބްލޮކުގެ އިތުރުން 55 ނަންބަރު ބްލޮކް ހިމެނޭ ސަރަޙައްދުންނެވެ.
މިމައްސަލަ ޙައްލުކުރުމައްޓަކައި އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އަދި މައްސަލަ ހައްލުކޮށް ކުރިއަށްއޮތް ތިން ގަޑިއިރު ތެރޭގައި ފެނުގެ ޚިދުމަތް އަލުން ގުޅައިދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.