ރޯދަމަހާއެކު ދިވެހި ޒުވާނުންނަށް ލިބުނު އެންމެ އުފާވެރި އެއް ޚަބަރަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަސޭހަކަމާއެކު ލައިސަންސް ނެގޭނެ ޕްރޮގްރާމެއް ފަށަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމި ޚަބަރެވެ.

މިއީ ޑްރައިވިން ސްކޫލަކަށް ދާން މަސައްކަތަށް ނޫނީ އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަވާތީ، ލައިސަންސް ނެގުމުގެ ކަންތަކާ ނޫޅެވޭ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 18 އަހަރައި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އެއަށްވުރެ އުމުރު މަތިވިޔަސް ބައިވެރިވެވޭނެއެވެ.

މިރެއާއި މާދަމާރޭ އަދި ހޯމަ ދުވަހުގެރޭ ކުރިއަށްގެންދާ މި ޕްރޮގްރާމު މިރޭ 9:00ގައި ފެށިއިރު، އިކޮނޮމިކް މިނިސްޓްރީން ބުނީ 8:15 ވީއިރު ކިޔު ދަމާލައިފި ކަމަށެވެ.

"މިއީ ވަރަށް ބޮޑު ތަރުހީބެއް. 8:15 ވީއިރު ކިޔު ދަމާލައިފި. މިހާރު ރައީސް އޮފީސް ސަރަހައްދުން އެމްއެންޑީއެފްއާ ހަމައަށް ކިޔު އެބައޮތް،" އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އޭ0، އޭ1، ބީ1 އަދި ސީ1 ކެޓަގަރީ އިން ލައިސަންސް ހެދޭނެއެވެ. އަދި ކުރިން ލައިސަންސް ނަގާފައިވާ މީހުންނަށް، މި ކެޓަގަރީތަކުން ލައިސަންސަށް ކެޓަގަރީ އިތުރުވެސް ކުރެވޭނެއެވެ.

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޖޫރިމަނާއެއް އޮތަސް ފުރުސަތު އެބައޮތް

ލައިސަންސް އޮންނަ މީހުންނަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެނގިގެންވެސް ނޫނީ ނޭނގިގެންވެސް ކުރެވޭ ކަމެއްގެ ސަބަބުން އަންނަ ޖޫރިމަނާއެވެ. ބައެއްފަހަރު މި ޖޫރިމަނާ ނުދެއްކި ހާހުން މައްޗަށް އަރައިގެން ދިއުމުން ދެން ކުރާނެ ކަމެއް ނޭނގިގެން ޖެހެނީ ކަރު އެލުވާލާށެވެ.

އެކަމަކު އެއްލަކިން ލައިސަންސް ލިބޭ ޕްރޮގްރާމާއެކު އެކަމަށްވެސް މިވަނީ ހައްލެއް ގެނެސްދީފައެވެ. މި ތިން ދުވަހު ހުރަވީ ބިލްޑިން ސަރަހައްދަށް ގޮސް ލައިސަންސް ނަގާ މީހުންގެ ތެރެއިން އެއްގަމު އުޅަނދެއް ދުއްވަނިކޮށް ޖޫރިމަނާއެއް އައިސްފައިތިބި މީހުންގެ ތެރެއިން އެ ޖޫރިމަނާ ނުދެއްކި ތިބި މީހުންނަށް ޕްރޮގްރާމުގެ އެންމެ ފަހު ރޭ ވަނީ ޚާއްސަ ކޮށްފައެވެ. އެ މީހުންގެ ޖޫރިމަނާ، އެއް އަހަރުތެރޭ ދައްކާނެ ކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރުމުން މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. އަދި އެއްބަސްވުމާ ހިލާފުވެ ފައިސާ ނުދައްކާނަމަ އަލުން ލައިސަންސް ހިފަހައްޓާނެއެވެ.

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއްލަކިން ލައިސަންސް ޕްރޮގްރާމުގައި:

1. ރެންޑަމް ޕްރޮސެސް ފީގެ އިތުރުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ.

2. ޖޫރިމަނާ ހުރި މީހުންނަށްވެސް ބައިވެރި ވެވޭނެ.

3. ޖޫރިމަނާއެއް އޮތްނަމަ އެއް އަހަރަށް ބަހާލައިގެން ދެއްކޭނެ.

4. ޓެސްޓުން ފެއިލް ވިޔަސް އިތުރަށް މަޑުނުކޮށް އަލުން ބައިވެރިވެވޭނެ.

މި ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުންވެސް ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. ކޮންމެ ރެއަކުވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެއެވެ.

އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމުގައި ބައިވެރިވާން ގޮސް ހުރި ޒުވާނަކު ބުނީ "ނުވެގެން އުޅުނު ކަންތައްވެސް ވާން މިއުޅެނީ" ކަމަށެވެ. އޭނާ އަކީ ލައިސަންސް ނަގަން ކުރަންޖެހޭ "މަސައްކަތުގެ ބުރަކަމުން" އަދި ލައިސަންސް ނުނެގި ހުރި މީހެއް ކަމަށާއި މިފަދަ ފަސޭހަ ގޮތަކަށް ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖެހުމުން "އިރުކޮޅަކު ކޮޅަށް ހުރެލުން އެއީ އެއްވެސް މަައްސަލައެއް ނޫން" ކަމަށް ބުންޏެވެ.

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ފޮޓޯ: ސޯޝަލް މީިޑިއާ

މިހާރު ސައިކަލުތަކުގައި ފިރިހެނުންނާއި އެއްވަރަށް އަންހެނުންވެސް އުޅޭއިރު މި ޕްރޮގްރާމުގައި ބައިވެރިވާން ގޮސްތިބި އަންހެނުންގެ އަދަދުވެސް ފިރިހެނުންނާ އަޅާބަލާއިރު ވަކި މަދެއް ނޫނެވެ.

މި ޕްރޮގްރާމު ފަށައިގެން ގަޑިއެއް ހާއިރު ވީއިރު 2000 އަށްވުރެ ގިނަ މީހުން ކިޔުގައި ތިއްބެވެ. ލައިސަންސް ނަގަން ފޯމު ދޫކުރާނީ 9:00 އިން 11:30 އަށެވެ. އެ ވަގުތާ ހަމައަށް ފޯމުލާ ހުރިހާ މީހުންނަށް މިރޭ ލައިސަންސް ލިބޭނެއެވެ. ލައިސަންސް ދޫކުރާނީ މިރޭ 12:00ގައި ބާއްވާ ކުޑަ ރަސްމިއްޔާތެއްގައެވެ.

އެއްލަކިން ޕްރޮގްރާމުގައި ބައިވެރިން ދުއްވާނެ ސައިކަލާއި ކާރު އަދި ޕިކަޕު ފޯރުކޮށްދޭނީ ޑްރައިވިން ސްކޫލުތަކުންނެވެ. އެކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޑްރައިވިން ސްކޫލުތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ޕްރޮގްރާމު ކުރިއަށްދާއިރު ފުލުހުންގެ ފަރާތުންވެސް އެހީ ފޯރުކޮށްދޭނެއެވެ. އެ ސަރަހައްދު ބެލެހެއްޓުމުގައްޔާއި ޕްރެކްޓިކަލް ޓެސްޓު ހެދުމުގައި ވެސް ފުލުހުން އެއްބާރުލުން ދޭނެއެވެ. ޑްރައިވިން ޓެސްޓު ކުރިއަށްދާނީ ވެލާނާގެ ސަރަހައްދުގައެވެ.

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ފޮޓޯ: ސޯޝަލް މީިޑިއާ

"ޕްރޮގްރާމު ކުރިއަށްދާއިރު އެފްޑީއައި އިން ފޮޓޯ ނެގުމުގެ ކަންތައް މި ސަރަހައްދުގައި ކުރިއަށް ގެންދާނެ. ސްޓޭމްޕް ވިއްކުމަށާއި ފޮޓޯކޮޕީ ނެގުމަށް ޕޯސްޓް އޮފީހުގެ ޑެސްކެއް ހުންނާނެ. ޕޮލިސް ކްލިއަރެންސް ބޭނުންވާ ފަރާތްތަކަށް ހިދުމަތްދޭން ފުލުހުންގެ ޑެސްކެއްވެސް ހުންނާނެ،" މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

މާލެއަށްފަހު ހުޅުމާލޭގައި ވެސް އަންނަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާއިރު މާލެ ސަރަހައްދު ނިމިމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.