މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 116 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އެފަދަ 44 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ހާނިއްކާ ކުރުމުގެ 35 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 11 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގްގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ ވެސް ރިޕޯޓް ކޮށްފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.