06 Sep 2011, 17:10
ޑައަލިސިސް ހަދަން ޖެހޭ ކިޑްނީ ޕޭޝަންޓުންނަށް ބޭނުންވާ އިންޖެކްޝަން ނުލިބި، ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާތީ އެ ފަރާތްތަކުން ޝަކުވާ ކުރަމުން އެބަދެ އެވެ.
ސަން އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އޭނާގެ މަންމަ ހަފްތާއަކު ދެތިން ފަހަރު ޑައަލިސިސް ހަދަން ޖެހޭއިރު ކޮންމެ ފަހަރަކު ވެސް "އެރިތުރޮޕޮއެޓިން" އިންޖެކްޝަން ބޭނުންކުރަން ޖެހޭ ކަމަށެވެ. އެ އިންޖެކްޝަން ރާއްޖެ އަށް އެތެރެކުރަނީ ހަމައެކަނި އެސްޓީއޯ އިން ކަމަށާއި ނަމަވެސް، ފާއިތުވި ހަފްތާ އިން ފެށިގެން އެ އިންޖެކްޝަން އެސްޓީއޯ އިން ވެސް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެސްޓީއޯ އިން މިބުނަނީ ސްޓޮކް ހުސްވެގެންނޭ ދޫނުކުރަނީ. އަޅުގަނޑުގެ ވާހަކައަކީ އެހާ މުހިންމު ބޭހެއް ހުސްވެގެން ނުވާނެ ނުންތޯއޭ. އަޅުގަނޑު މަންމަ ގޮތަށް ޑައަލިސިސް ހަދަން ޖެހޭ 80 އަށް ވުރެ ގިނަ ޕޭޝަންޓުން އެބަ އުޅޭ. އެކަން އެނގެންވާނެ ދޯ؟،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެސްޓީއޯ އިން ބޭސް ނުލިބުމުން ޑައަލިސިސް ޕޭޝަންޓުންގެ އާއިލާތަކުން އެ ބޭސް އެތެރެކުރަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. ނަމަވެސް، އިންޖެކްޝަނަކީ ވަކި ފިނިހޫނު މިނެއްގައި ގެންގުޅެން ޖެހޭ އެއްޗަކަށްވާތީ، އެކަމުގައި ގިނަ ދަތިތަކާ ކުރިމަތިވެ އެވެ.
ކުރިން 150ރ. އަށް ލިބުނު އެ އިންޖެކްޝަންގެ އަގު މިދިޔަ މެއި މަހުގެ ތެރޭ 500ރ. އަށް އެރުމަށް ފަހު މިހާރު ވަނީ ގާތްގަނޑަކަށް 350ރ. އަށް ތިރިވެފަ އެވެ.
"އިންޖެކްޝަން އަގުބޮޑުވީމަ ގިނަ މީހުން މަދަނައިން ބޭސް ނަގަނީ. ކުއްލިއަކަށް މިގޮތަށް ނުލިބި ހުއްޓުނީމަ މިއީ ސީރިއަސް މައްސަލައެއް،" އޭނާ ބުންޏެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ، ޑައިލިސިސް ޕޭޝަންޓުންނަށް ބޭނުންވާ އެ އިންޖެކްޝަން ނުލިބި ލަސްވީ އިންޑިއާގެ ސަޕްލައަރުންގެ ފަރާތުން އާ ސްޓޮކް ނުލިބިގެން ކަމަށެވެ. އެ އިންޖެކްޝަން ހޯދުމަށް ކޮލޮމްބޯއިން ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް ގޮތަކުން ނުލިބުމުން ފިހާރަތަކުން އެ ހުސްވީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް މިހާރު އިންޖެކްޝަންގެ އާ ސްޓޮކް ވަނީ ލިބިފައި ކަމަށާއި މިރޭ ބޭސް ފިހާރަތަކަށް ނެރެވޭވަރު ވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން 7000 އަށް ވުރެ ގިނަ ބޭހުގެ އައިޓަމް އެބަ އެތެރެކުރަން. އެހެން އެތެރެކުރާއިރު ސަޕްލައި ނުލިބިގެން ބައެއް ފަހަރު ފިހާރަތަކުން ވަކި ބޭހެއް އެގޮތަށް ހުސްވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެ މައްސަލަ ދިމާނުވާތޯ އަޅުގަނޑުމެން މަސައްކަތް ކުރަން." ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.
އެތެރެހަށީގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އަހްމަދު ރާޒީ މިއަދު ވިދާޅުވީ، އެރިތުރޮޕޮއެޓިން އިންޖެކްޝަނަކީ ކިޑްނީ ޕޭޝަންޓުންނަށް ބޭނުންވާ ހޭމަގްލޮބިން އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އެ އިންޖެކްޝަން ނުޖަހައި ހަފްތާއެއް ދެފަހްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް، އާއްމު ގޮތެއްގައި ބަލިމީހާގެ ފުރާނައަށް ނުރައްކާ ނުވާނެ ކަމަށް ވެސް ޑރ. ރާޒީ ވިދާޅުވި އެވެ.