06 Sep 2011, 16:58
ލިވަޕޫލާއި އަލަށް ގުޅުނު ފޯވާޑް ކްރެއިގް ބެލަމީއަކީ ކުލަބުން ގެނައި މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ޓީމަށް ފައިދާހުރި ކުޅުންތެރިއެއްކަން ދައްކާދޭނެ ކަމަށް ޑިފެންޑަރު ޖޭމީ ކަރޭޖާ ބުނެފި އެވެ.
ބެލަމީ ލިވަޕޫލަށް ގެނެސްފައި ވަނީ ފޯވާޑް ލައިން ބެހިގެން ދުރުން ކުޅުމަށް ކަމަށް ބެލެވެއެވެ.
މެންޗެސްޓާ ސިޓީގެ ސްކޮޑުން މަދުން މަދުން ފެންނަ ބެލަމީ ލިވަޕޫލާއި ގުޅިފައިވަނީ ދެއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ޓްރާންސްފާ ޕީރިއަޑުގެ އެންމެ ފަހު ދުވަހު އެވެ. ލިވަޕޫލުގެ ސްކޮޑުން މީގެ ކުރިން ވެސް ފެނިފައިވާ ބެލަމީ ފޮނުވާލީ ޓީމު ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. އަލުން ބެލަމީއަށް މިލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް ކަރޭޖާ ގަބޫލުކުރެ އެވެ.
"ބެލަމީއަކީ ޓީމަށް ގެނެވުނު ވަރަށް ރަނގަޅު ކުޅުންތެރިއެއް. އޭނާއަކީ ކުޑައިރުވެސް ލިވަޕޫލުގެ ސަޕޯޓަރެއް. ލިވަޕޫލުގައި ހުރެ ކުރިން ކުރެވުނު ކަންތައްތަކަށް އޭނާވެސް މާޔޫސްވޭ. އަލުން ލިބުނު މިފުރަސުތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެކަން ޔަގީން." ކަރޭޖާ ބުންޏެވެ.
ލިވަޕޫލަށް މިސީޒަނުގައި ގުޅުނު އުރުގުއޭ ޑިފެންޑަރު ސަބެސްޓިއަން ކޯޓެސް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ކޮޕާ އެމެރިކާގައި އޭނާ ދެއްކި ކުޅުން ދައްކާނެކަމުގެ ޔަގީންކަން އެބައޮތްކަން ކަރޭޖާ ބުންޏެވެ.
"އަހަރެންނަށް އޭނާ ކުޅޭތަން އެހާ ގިނައިން ފެނިފައެއް ނުވޭ. ކޯޓެސްގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އިތުރު ވާދަވެރިކަމެއް ލިބިގެންދާނެ. އޭނާއަކީ ފެންވަރު ހުރި ކުޅުންތެރިއެއް. ކޯޓެސް ވެގެންދާނީ ލިވަޕޫލްގެ ޑިފެންސް ލައިނަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް،" ކަރޭޖާ ބުންޏެވެ.
މެންސިޓީއަށް ކުޅެމުންދިޔަ ބެލަމީ އެންމެ ފަހުން ކުޅެފައިވަނީ ލޯނުގެ ދަށުން ކާޑިފް ސިޓީއަށެވެ. ވޭލްސް ފޯވާޑް ބެލެމީ ލިވަޕޫލަށް ކުރިން ކުޅެފައިވަނީ އެއް އަހަރު ދުވަހުގެ ކުރު މުއްދަތަކަށެވެ.
އެދުވަސްވަރު އަމިއްލަ ޓީމުގެ ކުޅުންތެރިޔާ ޖޯން އާން ރީސޭއަށް ގޮލްފް ބޯޅައަކުން ހަމަލާދީ އޭރުގެ ކޯޗް ރަފެއަލް ބެނިޓޭޒް އާއި ގާތް ގުޅުމެއް ނޯންނަ ބެލަމީ ދެން ފެނިގެންދިޔައީ ވެސްޓް ހާމް ޔުނައިޓެޑުންނެވެ.