25 May 2018, 13:19
އާދަޔާ ހިލާފު ބާރު ބިނުގައި ހުމާއި ރޯގާ ފެތުރެމުންދާތީ ޑޮކްޓަރަށް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަ ޖެއްސުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ މިދުވަސްވަރަކީ ހަލުވިކަމާއެކު އިންފުލުއެންޒާ ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެ ހޮސްޕިޓަލުގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.
ފުލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު އަށަކުން މެންދަމު 12 ޖެހުމާ ހަމައަށް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.
ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އޭޑީކޭ ހޮސްޕިޓަލުގައިވެސް ވަނީ ހުން ކްލިނިކެއް ހުޅުވާފައެވެ. އޭޑީކޭއަށް، ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެގޮތުން ދުވާލެއްހެ މައްޗަށް 100 އަށްވުރެ ގިނަ މީހުން ހުން އައިސްގެން ޑޮކްޓަރަށް ދައްކާއިރު މިދިއަ ހަފްތާގެ ބައެއް ދުވަސް ދުވަހު އެ އަަދަދު 200 އަށްވެސް އަރާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.
އަދި އިންފުލުއެންޒާއަށް ޕޮސިޓިވްވި މީހަކު މިދިއަ ހަފްތާގައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.
މިދުވަސްވަރަކީ ހުމާ ރޯގާ އަދި އިންފުލުއެންޒާ ވައިރަސްވެސް ބާރު މިނުގައި ފެތުރެމުންދާ ދުވަސްވަރެކެވެ. ހުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުން ގިނަވެ ހޮސްޕިޓަލުތައް ތޮއްޖެހިފައިވާއިރު ހުމާއި ރޯގާއިން ސަލާމަތްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހުމާއި ރޯގާ ޖެހުނު ނަމަވެސް އިންފުލުއެންޒާ ޖެހުނީ ނޫން ކަމަށް ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ހުމާ ރޯގާ ޖެހޭ ކޮންމެ މީހަކު އިންފުލުއެންޒާއަށް ޓެސްޓް ނުކުރާނެ ކަމަށްވެސް ބުނެއެވެ.
އިންފުލުއެންޒާގެ އަލާމާތްތައް
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
ސަލާމުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި، އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން.
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން.
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން
އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.